ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ދަމަހައްޓަން ޝަހީދުވާންވެސް ތައްޔާރަށް ހުންނެވި ކަމަށް ކާށިދޫ ދާއިރާއަށް އިންތިހާބުވެ ވަޑައިގެންނެވި އަދި ކުރިންވެސް ކާށިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް މެހެމާނެއްގެ ގޮތުގައި މިއަދު ބައިވެރިވެވަޑައިގެން، ޖާބިރު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިންމައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް އެންމެބޮޑަށް މަސައްކަތްކުރެއްވި އެއްބޭފުޅަކީ އޭނާ ކަމަށް ވިދާޅުވެ، އެވާހަކަތައް ތަކުރާރު ކުރައްވާފަ އެވެ. ޖާބިރު ވިދާޅުވީ ބުރަ މަސައްކަތްކޮށްގެން ގެނައި ސަރުކާރު ދަމަހައްޓަން ކޮންމެފަދަ ގުރުބާނީއެއްވާންވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.
ޖާބިރު ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ކަންކަން ހިނގާދިޔަގޮތާމެދު ހިތްހަމަ ޖެހިވަޑައި ނުގަންނަވާކަން ހާމަކުރައްވާ ކޮންމެވެސް ވަރަކަށް އެމްޑީޕީއަށް ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ. ނަމަވެސް ޖާބިރު ވިދާޅުވީ އޭނާ އަކީ އެމްޑީޕީގެ މެމްބަރެއް ކަމަށާއި އަދި ކުރިއަށް އޮތްތާނގައި މަސައްކަތް ކުރައްވާނީ ވެސް އެމްޑީޕީ އިތުރަށް ހަރުދަނާ ކުރުމަށް ކަމަށެވެ.
ޖާބިރު ވިދާޅުވީ ރައީސް ސޯލިހު ވެރިކަމަށް ގެންނަން އެންމެ ބޮޑު ހަރަދެއް ކުރެއްވި އެއް ބޭފުޅަކީ އޭނާ ކަމަށާއި އެހެންކަމުން ރައީސް ސޯލިހުގެ ސަރުކާރު ދެމެހެއްޓުމަށް ކުރަންޖެހޭ ކޮންމެކަމެއް ކުރެއްވުމުގެ އިތުރުން، އޭނާއަކީ ސަރުކާރަށް ވަފާތެރި މެމްބަރަކަށް ވެވަޑައިގަންނަވާނެ ކަމަށެވެ.
ޖާބިރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީގެ އިތުރުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
ޖާބިރު ވަނީ އޭނާ އިންތިހާބުގެ ދުވަސްވަރު ކާށިދޫ ދާއިރާއަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެކަމަށާއި އެއީ ތަރައްގީ ވެފައިވާ ސަރަހައްދަކަށް ހައްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.