މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެމެރިކާ ސަރުކާރު ގުޅިގެން ކުރިއަށް ގެންދިޔަ އެންޓި - ޗައިލްޑް ސެކްޝުއަލް އެކްސްޕްލޮއިޓޭޝަން ޓްރެއިނިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިކަމަށްޓަކައި އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފެވެ.
މި ރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، ކޮމިޝަންޑް އޮފިސަރުންނާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ކްރިމިނަލް ކޯޓު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، އަދި މޯލްޑިވްސް އިމިގްރޭޝަންގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

މި ހިނގާ ފެބްރުއަރީ މަހުގެ 16ން 20 އަށް އިސްކަންދަރު ބިލްޑިންގގައި ކުރިއަށް ގެންދިޔަ މި ޓްރެއިނިންގައި، ޖިންސީ އަނިޔާ ލިބޭ ކުޑަކުދިންނާ ސުވާލުކުރާނެ ގޮތާއި، ކުށުގެ ވެށި ރައްކާތެރިކުރުމާއި، ކުޑަކުދިންނަށްކުރާ ޖިންސީ އަނިޔާ އަކީ ކޮބައިކަމާއި، އެފަދަ މައްސަލަތައް ތަހުގީގުކޮށް ކާމިޔާބު ކުރުމަށް ބޭނުންވާ އުކުޅުތަކާއި ހުނަރުތައް ދަސްކޮށްދީފައިވެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން 2019 އިން 2014 އަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންގައިވާ ހައި ވޮލިއުމް ކްރައިމްސް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދިޔަ މި ޓްރެއިނިންގައި ކިޔަވައިދެއްވީ ކަމުގެ ތަޖުރިބާހުރި އެމެރިކާގެ ފަސް އިންސްޓްރަކްޓަރުންނެވެ.
Anti - Child Sexual Exploitation Training ninmumuge rasmiyyaathu baavvaifi. #MPShttps://t.co/s31q50fY6H pic.twitter.com/6mR9jTlJTu
— Maldives Police (@PoliceMv) February 20, 2020
މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ކްރިމިނަލް ކޯޓު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، އަދި މޯލްޑިވްސް އިމިގްރޭޝަން ހިމެނޭގޮތަށް ޖުމްލަ 38 ބައިވެރިން މި ޓްރެއިނިންގައި ބައިވެރިވިއެވެ.
ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން ކުޑަކުދިންނަށް ލިބިގެންވާ ހައްގުތަކާއި، އެކުދިންނާ މަތިކުރެވިގެންވާ ޒިންމާތަކާއި، ކުޑަކުދިންނާ ގުޅޭގޮތުން އާއިލާއާއި، ޖަމާއަތާއި، ދައުލަތާއި އެހެނިހެން ފަރާތްތަކުގެ މައްޗަށް އޮތް ޒިންމާއާއި، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނު ކަމުގައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް މިއަދު މިވަނީ އަމަލުކުރަން ފަށާފައެވެ.
މި ޤާނޫނުގައިވާ އެންމެހައި ކަންކަމާއި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް މައްސަލަތައް ނިންމައި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރު ކުރުމަށް، މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރަމުން ގެންދާނެއެވެ.




