ޢަބްދުﷲ ޖާބިރު - ފޮޓޯ: ރައީސް އޮފީސް

މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލާނަން - ޖާބިރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާނެކަމަށް ކާށިދޫ ދާއިރާގެ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވި މަޝްހޫރު ވިޔަފާރިވެރިޔާ ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން މިއަދު ހެނދުނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ޝައުގުވެރި ވެލައްވާ ކަމަށާއި، މަޖިލިސް ރައީސްކަމަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށެވެ.

"މަޖިލީހުގެ ރައީސްކަމަށް ޝައުގުވެރިކަން އެބަހުރި، ވަރަށް ބޮޑަށް އަޅުގަނޑު ލައިކްވާކަމެއް އެއީ. ކުރިމަތިލާން ނިންމައިގެން މިހުންނަނީ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، އަސްލަމަކީ ވަރަށް ޤާބިލް ބޭފުޅެއް ކަމަށާއި، އަސްލަމަށްވެސް ތާއީދުކުރައްވާ ކަމަށެވެ. ނަމަވެސް ޖާބިރުވެސް ކުރިމަތިލައްވަން ނިންމަވާފައިވާތީ ދެން އޮންނާނީ ވާދަކުރުން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު އެކަން ކުރާނަން ވަރަށް ރަނގަޅަށް، އަޅުގަނޑު ރައްޔިތުންގެ ރައީސްކަމަށް ލައިފިނަމަ ބަޖެޓް އަންނާނީ 2 ބިލިއަން ޑޮލަރުން، ރާއްޖެ އޮންނާނީ މަތީގައި، ރާއްޖެ މައްޗަށް ހިއްލާލާނަން." މަޖިލިސް ރައީސްކަމަށް ގެންގުޅުއްވާ އުއްމީދުތައް ހާމަކުރައްވާ ޖާބިރު ވިދާޅުވިއެވެ.

"އަޅުގަނޑު އެކަން (މަޖިލިސް ރައީސްކަން) ކުރާނީ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް އަޅުގަނޑު ގާތު ވިދާޅުވެއްޖިއްޔާމުން އެކަނި. އެނޫން އެހެން ގޮތަކަށް ނުކުރާނަން." ޢަބްދުﷲ ޖާބިރު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ