ޔޫރޮޕާލީގު - ޔުނައިޓެޑް އެއްވަރުވިއިރު އާސެނަލްއަށް އުނދަގޫ މޮޅެއް

ޔޫއެފާ ޔޫރޮޕާ ލީގު ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް ރޭ ފެށިފައިވާއިރު، ރޭ ކުޅުނު މެޗުން މެންޗެސްޓާރ ޔުނައިޓެޑްއެއްވަރުވިއިރު، އާސެނަލް ކުޅުނު މެޗުން ހަނިގޮތަށް މޮޅުވެއްޖެއެވެ.

ކްލަބު ބްރާގާއާއި ދެކޮޅަށް ޔުނައިޓެޑު ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.

ގަދަ ވަޔާ ވިއްސާރައިގެ މެޗުގެ ބޮޑުބައި ކުޅެފައިވާއިރު، މެޗުގައިފެނިގެންދިޔަ ދެލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. ބްރާގާއިން ލީޑު ނެގީ މެޗުގެ 15 ވަނަ މިނަޓްގައި އެމަނުއެލް ބޮނަވެންޗާ ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. ހިތްވަރާއެކު ކުޅެމުންދިޔަ ޔުނައިޓެޑުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކުރިއެވެ. 36 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު އެކްލަބަށް ކާމިޔާބުކޮށްދިނީ އެންތަނީ މާޝިއާލްއެވެ.

މިމެޗުގެ ދެވަނަ ލެގު އޯލްޑްޓްރެފޯޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއެވެ.

ރޭ އޮލިމްޕިއާ ކޯސްއާއި ދެކޮޅަށް ކުޅުނު މެޗު އާސެނަލްއިން ކާމިޔާބުރީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 81 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިނީ ލަކަޒެޓެވެ. މިއީ މިސީޒަންގައި ލަކަޒެޓް ކާމިޔާބުކޮށްދިން 8 ވަނަ ލަނޑެވެ. މިމެޗުގެ ދެވަނަ ލެގު އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތިދުވަހުގެ ރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ