ޚާއްސަ ހުއްދައެއްގެ ދަށުން ބާސެލޯނާއަށް އިތުރު ފޯވާޑެއް ގެނެސްފި

ޚާއްސަ ހުއްދައެއްގެ ދަށުން ބާސާއަށް އިތުރު ފޯވާޑެއް ގެނެސްފިއެވެ.

ބާސެލޯނާގެ ފޯވާޑު އުމުރުން 22 އަހަރުގެ އޮސްމާން ޑެމްބެލޭގެ ފަލަމަސްގަނޑަށް އަނިޔާވެ ހަމަސްދުވަހަށް ކުޅުމާއި ދުރަން ދާންޖެހިފައިވާއިރު، ލުއިސް ސުއަރޭޒް ދާދިފަހުންކުރި ކަކުލުގެ އޮޕަރޭޝަނާއެކު އޭނާއަށް މިސީޒަންގެ ބާކީބައި ނުކުޅެވޭނެއެވެ.

އެހެންކަމުން ބާސެލޯނާއިން އިތުރު ފޯވާޑެއް ހޯދުމުގެ މަސައްކަތްފަށާފައިވަނީ ސްޕެއިން ފުޓްބޯޅައިގެ ގަވާއިދު ބުނާގޮތުން އަނިޔާގެ ސަބަބުން ހަތަރު މަހަށް ވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް ދާ ކުޅުންތެރިއެއްގެ ބަދަލުގައި އެހެން ކުޅުންތެރިއެއް ހޯދުމުގެ ހުއްދަ އެކްލަބަކަށް އޮންނާތީއެވެ. ނަމަވެސް ސްޕެއިނުގެ ފެޑެރޭޝަނުން މި ހުއްދަ ދޭނި ސްޕެއިނުގެ ކޮންމެވެސް ކްލަބަކުން ފޯވަރޑެއް ގެނެވޭގޮތަށެވެ.

މިހުއްދައާއެކު ބާސެލޯނާއިންވަނީ ސްޕެއިންގެ ލެގަނޭސްއަށް ކުޅެމުން އަންނަ ޑެންމާކުގެ މާޓިން ބްރެއިތުވެއިޓް އެކްލަބަށް ގެނެސްފައެވެ. އުމުރުން 28 އަހަރުގެ ބްރެއިތުވެއިޓް ބާސެލޯނާއިން ގެނެސްފައިވަނީ ރިލީސް ކްލޯސްގެ 18 މިލިއަން ޔޫރޯ ދެއްކުމަށްފަހުގައެވެ. ބްރެއިތުވެއިޓް ބާސެލޯނާއިން ފެނިގެންދާނީ އެކްލަބުގެ 19 ނަންބަރު ޖާޒީގައެވެ.

ބްރެއިތުވެއިޓް މިޑްލްސްބްރޯ ދޫކޮށް ލެގަނޭސްއަށް 2018 ވަނަ އަހަރު ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ބްރެއިތުވެއިޓްވަނީ ލެގަނޭސްގެ އެއްބަސްވުން 2019 ވަނައަހަރު ދާއިމީ ކޮށްފައެވެ. މިސީޒަންގައި ބްރެއިތުވެއިޓް ލެގަނޭސްއަށް ކުޅެދިން 24 މެޗުން 6 ލަނޑު ޖަހާ 1 އެސިސްޓް ހަދާދީފައިވެއެވެ.

މިދިޔަމަހުވެސް ލެގަނޭސްގެ ފޯވާޑެއް އެކްލަބު ދޫކޮށްފައިވެއެވެ. ލަގެނޭސްއަށް ކުޅެމުންއައި ޔޫސެފް ނަސީރު އެކްލަބު ދޫކޮށް ސެވިއްޔާއާއި ގުޅުނީ 20 މިލިއަން ޔޫރޯއަށެވެ. އެހެންކަމުން ބްރެއިތުވެއިޓްގެ ބަދަލުގައި އެހެން ކުޅުންތެރިއަކު މިމަހު ހޯދަން ލެގަނޭސްއިން ސްޕެއިންގެ ފުޓްބޯލް އެސޯސިއޭޝަންގައި އެޕީލްކުރި ނަމަވެސް އެކަން ކާމިޔާބުވާގޮތްވަނީ ނުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ