ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ކެމްޕެއިން ފެށުމުގެ ގޮތުން ބާއްވާ ޖަލްސާ މިރޭ 8:45 ގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭއްވުމަށް ހަމަޖެހިފައި ވާކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޑީޕީން ބުނީ "ރަށްވެހި ފަތިސް" ގެ ނަމުގައި މިރޭ މިބާއްވާ ކެމްޕެއިން އިފްތިތާޙް ކުރުމުގެ ޖަލްސާ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެށުމަށް ހަމަޖެހިފައިވަނީ އެއް ވަގުތެއްގައި ކަމަށެވެ.
ޖަލްސާގައި އެންމެ ފުރަތަމަ ކަމަކަށް ކެމްޕެއިން ލޯންޗިންގް ވީޑިއޯއެއް އެޅުވިގެންދާނެކަމަށް އެމްޑީޕީން ބުނެއެވެ. ރައީސް ޞޯލިހާއި ރައީސް ނަޝީދު މާލޭގައި ބާއްވާ ކެމްޕެއިން ލޯންޗިން ޖަލްސާގައި ވާހަކަފުޅު ދައްކަވާނެ އެވެ. ރައީސް ޞޯލިހުގެ ވާހަކަފުޅު ހުރިހާ ރަށެއްގައި ވީޑިއޯގެ ޒަރީއާއިން ލައިވްކޮށް ފެންނާނެކަމަށާއި އެއަށްފަހު ކޮންމެ ރަށެއްގައިވެސް އަދި ކޮންމެ ސިޓީއެއްގައިވެސް އަދި އަތޮޅު ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުން އެ ރަށެއްގައި ނުވަތަ ސިޓީއެއްގައި ވާހަކަ ދައްކަވާނެކަމަށް އެމްޑީޕީން ބުނެއެވެ.
ކެނޑިޑޭޓުންގެ ވާހަކަފުޅަށް ފަހު ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅު ދެއްކެވުން އޮންނާނެކަމަށް އެ ޕާޓީން ވަނީ މައުލޫމާތު ދީފައެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ވީޑިއޯގެ ޒަރީއާއިން ލައިވްކޮށް ފެނިގެންދާނެކަމަށް އެޕާޓީން ބުނެއެވެ.
އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް އެމްޑީޕީން ވަނީ ބޮޑު ކާމިޔާބެއް ހޯދައިފައެވެ. އަދި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގެ ބޮޑު ކާމިޔާބަށްފަހު އެމްޑީޕީން ބުނެފައިވަނީ މިކައުންސިލް އިންތިޚާބުގެވެސް 60 އިންސައްތަ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށެވެ.



