އިންގްލޭންޑްގެ މެންޗެސްޓާރ ޔުނައިޓެޑަށް ބަދަލުވާން ވިސްނިކަމަށް ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ތަރި ރޮބާޓް ލެވެންޑޯސްކީ ބުނެފިއެވެ.
ލެވެންޑޯސްކީ ބުނިގޮތުގައި އޭނާ ޑޯޓުމުންޑުގައި އުޅުނު ދުވަސްވަރު ޔުނައިޓެޑުން އޭނާއަށް އަށް ގުޅިއެވެ. 2012 ވަނަ އަހަރު ލެވެންޑޯސްކީއަށް ޔުނައިޓެޑުން ގުޅީ ފާގަސަން ޔުނައިޓެޑާއި ޙަވާލުވެގެން އުޅުނުއިރުއެވެ. އޭރު ލެވެންޑޯސްކީގެ އުމުރަކީ 23 އަހަރެވެ.
"ޑޯޓުމުންޑުގައި ހޭދަކުރި ދެވަނަ ސީޒަންގައި ފާގަސަންގެ ފޯނު ކޯލެއް ލިބުނު. އެއާއެކު މެންޗެސްޓާރ ޔުނައިޓެޑަށް ބަދަލުވާން ވިސްނިން،" ލެވެންޑޯސްކީ ބުންޏެވެ.
މީގެއިތުރުން ލެވެންޑޯސްކީ ބުނީ، އެދުވަހަކީ އޭނާއަށް ވަރަށް ޚާއްސަ ދުވަހެއްކަމަށާއި، ޒުވާން ކުޅުންތެރިއަކަށް ފާގަސަންގެ ފޯން ކޯލެއް އައުމުން ކިހާ އުފާވާނެކަމަށެވެ. އަދި ޔުނައިޓެޑަށް ބަދަލުވާން ފުރަތަމަ ފަހަރަށް ވިސްނީވެސް އެހެންވެކަމަށެވެ.
އެހެންނަމަވެސް ޑޯޓުމުންޑުން ހުރަސްއެޅުމުން ލެވެންޑޯސްކީއަށް ޔުނައިޓެޑަށް ބަދަލުވެވޭގޮތްވަނީ ނުވެފައެވެ.
އޭގެ ދެއަހަރު ފަހުން ޑޯޓުމުންޑް ދޫކޮށް ލެވެންޑޯސްކީ ބަޔާން މިއުނިކާއި ގުޅުނެވެ.
ބަޔާންއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އުމުރުން 31 އަހަރުގެ ލެވެންޑޯސްކީ ބުނިގޮތުގައި އޭނާ ބަޔާންގައި ހުރީ ވަރަށް އުފަލުންނެވެ. މިސީޒަންއަކީ ލެވެންޑޯސްކީއަށް ވަރަށް ކާމިޔާބު ސީޒަންއެކެވެ. މިސީޒަންގެ ބުންޑެސްލީގާގައި މިހާތަނަށް ކުޅުނު 23 މެޗުން އޭނާވަނީ 25 ލަނޑުޖަހައި 3 އެސިސްޓް ހަދާފައެވެ. މީގެއިތުރުން ބަޔާންގެ ލެޖެންޑު ގާޑު މުލާގެ ދެރެކޯޑަކާއި މިސީޒަންގައި ލެވެންޑޯސްކީ ހަމަކޮށްފައިވެއެވެ.
އެގޮތުން މިސީޒަންގައި 19 ބުންޑެސްލީގާ މެޗުން 21 ލަނޑު ކާމިޔާބުކޮށް މުލާ 73-1972 ސީޒަންގައި ހަދާފައިވާ ރެކޯޑަކާއި ހަމަކުރިއިރު، ޖަރުމަނުގެ މަތީ ލެވެލް ލީގެއްގެ ސީޒަނެއްގައި ކުޅުނު ފުރަތަމަ 22 މެޗުން 23 ލަނޑުޖެހި ދެވަނަ ކުޅުންތެރިޔާއަށް ލެވެންޑޯސްކީވަނީ ވެގެންގޮސްފައެވެ.



