ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ ކެމްޕެއިން ލޯންޗް ކުރުން އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައި އެޕާޓިން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފަވަނީ ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ފުޅު ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީޙުގެ ކުރީގެ މެންބަރު އިބްރާޙީމް ޝުޖާޢުއެވެ. މި ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުން ޝުޖާޢު ވިދާޅު މި ޖަލްސާ ބޭއްވުމުގެ ހުރިހާ ކަންތައްތަކެއް މިހާރު ވަނީ ހަމަޖެހިފައިކަމަށާއި ޖަލްސާ ބޭއްވުމަށް ހަމެޖެހިފައިވަނީ ކާނިވާ ސަރަހައްދުގައި ކަމަށެވެ.
މި ފަހަރުގެ އިންތިޚާބުގައި ޕީޕީއެމްއިން ބޭނުން ކުރަން ހަމަޖެހިފައިވާ ޝިއާރަކީ "މީމަގޭ ރާއްޖެ" އެވެ.
ޝުޖާއު ވިދާޅުވީ، މިއަދު މި ޤައުމު އެދި ގޮވަމުންދަނީ ޤައުމަށް އެހީތެރިވެދޭނެ ރައްޔިތުންތަކެއްގެ ކިބައިންކަމަށާއި މި ޤައުމުގެ ދީނާ މި ޤައުމުގެ ޤައުމިއްޔަތު ބީވެގެންދާ ދަނޑިވަޅުގައި ޕީޕީއެމުން މި ކުރަނީ ދިވެހި ރައްޔިތުންނަށްޓަކައި އިޚްލާސްތެރި ތެދުވެރި މަސައްކަތެއްކަމަށެވެ.
މީގެ އިތުރުން ޝުޖާއު ވިދާޅުވީ، މި ކެމްޕެއިން އަށް ޕީޕީއެމްގެ ތާރީޚުގައިވެސް ތައްޔާރު ނުވާ މިންވަރަށް ގެންދަނީ ތައްޔާރުވަމުންކަމަށާއި، ކެމްޕެއިން ލޯންޗިންގ ޖަލްސާއަކީ ތަފާތު ޖަލްސާއަކަށް ވެގެންދާނެކަމަށެވެ. "ތަފާތު ގިނަ ކަންތައްތަކެއް އެޖަލްސާއިން ދިވެހިރައްޔިތުންނާއި ބައްދަލުކުރާނެ" ޝުޖާއު ވިދާލުވިއެވެ.
މި ޖަލްސާގައި ބައިވެރިވުމަށް މި ޤައުމުދެކެ ލޯބިވާ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ވަނީ ދަޢުވަތުއަރުވާފައެވެ. ޚާއްސަކޮށް ރިސޯޓްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާއި، ޓެކްސީ ޑްރައިވަރުންނާއި، ދަނޑުވެރިންނާއި، މަސައްކަތްތެރިންނަށް މި ޖަލްސާގައި ބައިވެރިވެ ވަޑައިގެން ދެއްވުމަށް އެ ޕާޓީން ވަނީ ދަޢުވަތު އަރުވާފައެވެ.



