ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ރެކޯޑެއް ލިއޮނަލް މެސީ މުގުރާލައިފިއެވެ.
މެސީ މިރެކޯޑު މުގުރާލާފައިވަނީ ލަލީގާގައި ރޭ އީބާއާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައެވެ. 5-0 ގެ ނަތީޖާއަކުން ފަޞޭޙަކަމާއެކު ބާސެލޯނާއިން މިމެޗު ކާމިޔާބުކުރިއިރު މެސީވަނީ ބާސެލޯނާއަށް ހަތަރު ލަނޑު ކާމިޔާބުކޮށްދީފައެވެ. ބާސެލޯނާގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އާތޫރްއެވެ.
މެޗުގެ ފުރަތަމަ ހާފުގައި މެސީގެ ފަރާތުން ހެޓްރިކެއް ފެނިގެން ގޮސްފައިވާއިރު، މިއީ ކްލަބް ކެރިއަރުގައި މެސީ ހެދި 48 ވަނަ ހެޓްރިކެވެ. ވާދަވެރި ރޮނާލްޑޯ ކްލަބު ކެރިއަރުގައި ހަދާފައިވަނީ 47 ހެޓްރިކެވެ. ކްލަބު ކެރިއަރުގައި އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިޔާގެ މަޤާމުގައި ރޮނާލްޑޯވަނީ ގިނަ ދުވަސްތަކެއް ވަންދެން ހޭދަކޮށްފައެވެ. ރޮނާލްޑޯގެ ރެކޯޑާއި މެސީ ހަމަކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މަލޯކާއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެހެންނަމަވެސް އެމެޗުގައި މެސީ ހެދި ހެޓްރިކާއެކު ލަލީގާގައި އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިޔާގެ މަޤާމު މެސީއަށް ލިބުނެވެ.
? Lionel Messi has scored the 48th hat-trick of his club career, moving ahead of Cristiano Ronaldo’s total of 47 pic.twitter.com/PB75KALMH3
— Sky Sports Statto (@SkySportsStatto) February 22, 2020
މިއީ ލަލީގާގައި މެސީ ހެދި 36 ވަނަ ހެޓްރިކެވެ. ވާދަވެރި ރޮނާލްޑޯ ލަލީގާގައި ހޭދަކުރި 9 ސީޒަންއިން 34 ހެޓްރިކް ހަދާފައިވެއެވެ. ރޭގެ މެޗުން ކްލަބު ކެރިއަރުގައި ރޮނާލްޑޯގެ ރެކޯޑު މެސީއަށް މުގުރާލެވުނު ނަމަވެސް މުޅި ކެރިއަރުގައި ހެދި ހެޓްރިކަށް ބަލާއިރު މެސީ އުޅެނީ ރޮނާލްޑޯއަށްވުރެ ދެ ހެޓްރިކް ފަހަތުގައެވެ. ރޮނާލްޑޯ ކެރިއަރުގައި 56 ހެޓްރިކް ހަދާފައިވާިއރު، މެސީއަށް ހެދިފައިވަނީ 54 ހެޓްރިކެވެ.
ރޭގެ މެޗުން މެސީވަނީ އިތުރު ރެކޯޑެއް ހަދާފައެވެ. ރޭ ކާމިޔާބުކުރި ހަތަރު ލަނޑާއެކު މެސީވަނީ ކެރިއަރުގައި 1000 އަށްވުރެ ގިނަ ލަނޑު ޖެހުމުގައި ބައިވެރިވުމުގެ ފުރަތަމަ ކުޅުންތެރިޔާއަށް ވެގެންގޮސްފައެވެ. މެސީވަނީ މިހާތަނަށް 696 ލަނޑު ޖަހައި، އިތުރު 306 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.
ރޭގެ މޮޅާއެކު ބާސެލޯނާވަނީ އަލުން ލަލީގާ ތާވަލްގެ އެއްވަނައަށް އަރާފައެވެ. 25 މެޗުން ލިބުނު 55 ޕޮއިންޓާއެކު ބާސެލޯނާއަށް ތާވަލްގެ އެއްވަނަ ލިބޭއިރު، ރެއަލްމެޑްރިޑު ދެވަނާގައި އޮތީ 53 ޕޮއިންތާއެކުގައެވެ.
ރޭ ލަލީގާގައި ރެއަލްމެޑްރިޑް ލެވެންޓޭއަށް ދެކޮޅަށް ކުޅުނު މެޗުންވަނީ 1-0 ގެ ނަތީޖާއަކުން ދަށްވެފައެވެ.



