ކައުންސިލް އިންތިޚާބަށް އެމްޑީޕީން 877 ކެނޑިޑޭޓުން

ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ހުށައެޅި 877 އެޕްލިކޭޝަން ފޯމް އިލެކްޝަންސް ކޮމިޝަނުންވަނީ ބަލައިގަނެފައި ކަމަށް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ސްޕޯކްސް ޕާސަން އަފްޝަން ލަތީފު ވިދާޅުވެއްޖެ އެވެ. މިއާއެކު އެމްޑީޕީ އަށް 877 ކައުންސިލް ކެންޑިޑޭޓުން ކަށަވަރުވެފައިވާ ކަމަށް އަފްޝަން ވިދާޅުވިއެވެ.

މިއަދުއޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަފްޝަން ވިދާޅުވީ ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ހިންގުމުގެ ޤާނޫނު 19 ވަނަ ރައްޔިތުންގެ މަޖިލީހުން އިސްލާހުކުރިއިރު، ޚާއްސަ އިސްކަމެއްދެވިގެން ކައުންސިލްތަކުގެ %33 އަންހެންވެރިންނަށް ކަނޑައަޅާފައި ވާކަމަށެވެ. އެގޮތުން އެމްޑީޕީގެ އަންހެން ކެންޑިޑޭޓުންގެ އަދަދަކީ 337 ކަމަށާއި އެއީ ޕާޓީން މިއިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ %38 ކަމަށް އަފްޝަން ވިދާޅުވި އެވެ.

ކުރިއަށްއޮތް ކައުންސިލް އިންތިޚާބު ނިމި ރަށްވެހި ފަތިހަށް އަލިވިލުމާއެކު ރަށްރަށުގެ ހުރިހާ މަޝްރޫޢު އެއްވެސް، ހުރިހާ ޕްރޮޖެކްޓެއްވެސް ހިންގޭނީ އަންހެނުންގެ ބޮޑު ޙިއްސާއެއް އޮވެގެން ކަމަށާއި، އެއާއެކު ހައްލު ނުލިބި ހުރި ގިނަ މައްސަލަތަކަށް ދާއިމީ ޙައްލު އަންނަ މަންޒަރު ފެންނާނެކަމަށް އަފްޝަން ވިދާޅުވިއެވެ.

އެމްޑީޕީން ވަނީ ރަށްވެހި ފަތިސް ކެމްޕެއިންގައި ވީހާވެސް މަދުން ޕްލާސްޓިކް ބޭނުން ކުރަން ނިންމާފައިވާކަންވެސް މިއަދު އިޢުލާން ކޮށްފައެވެ. އެމްޑީޕީ އިން ބުނީ ރަށްވެހި ފަތިސް ކެމްޕެއިން ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައިވަނީ ވީހާވެސް ބޮޑަށް ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކަމަށެވެ. މިގޮތުން ވީހާވެސް މަދުން ޕްލާސްޓިކް ބޭނުން ކުރަން ނިންމާފައިވާކަމުގައި އަފްޝަން ވަނީ ވިދާޅުވެފައެވެ.

އަފްޝަން ވިދާޅުވީ ޕާޓީއިން ޕްރޮމޯޓުކުރާ ސިޔާސަތުގެ މަތިން އަދި ޚާއްޞަކޮށް އެޖެންޑާ 19 ގައި ވަކާލާތު ކުރަމުން ގެންދިޔަ ކަންތައްތަކާއި އެއްގޮތްވާ ގޮތަށް ހުރިހާ ރަށެއްގައިވެސް ކުރިއަށްގެންދާ ޕާޓީގެ ރަށްވެހި ފަތިސް ކެމްޕެއިންގައި ބޭނުންކުރާ މެޓީރިއަލްސް ތަކަކީ ވީހާވެސް މަދުން ޕްލާސްޓިކް ބޭނުންކޮށް ކުރިޔަށް ގެންދާނެ ކެމްޕެއިންއެއް ކަމަށެވެ.

21 ފެބްރުވަރީ ވީ ހުކުރު ދުވަހުގެރޭ ބޭއްވި ރަށްވެހި ފަތިސް ކެމްޕެއިން ލޯންޗިންގ ޖަލްސާތަކުގައި ބޭނުންކުރި ބެކްޑްރޮޕްތަކަކީ ފޮތިން ހަދާފައިވާ ބެކްޑްރޮޕްތަކެއްކަމަށާއި މާލެ ޖަލްސާގައި ހަރުކުރެވިފައިވާ 20 ފޫޓު 40 ފޫޓުގެ ބޮޑު ބެކްޑްރޮޕަކީވެސް ފޮތިކަމަށް އަފްޝަން ވިދާޅުވިއެވެ.

ސަރުކާރާއި ޕާޓީއާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ރައްޔިތުންގެ ޝަކުވާތައް ޙައްލުކުރުމަށް މަސައްކަތް ކުރާނެކަމަށާއި މިކަން ޕާޓީގެ އެޖެންޑާ 19 ގައި ހުށަހެޅި ސިޔާސަތުތަކުން އަދި އެޖެންޑާ 19 ގެ ދަށުން މަޖިލީހުގައި ކުރެވެމުންދާ މަސައްކަތްތަކުގައި ސާބިތުވެގެން ދާކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.

27 ފެބުރުވަރީ (ބުރާސްފަތި) ދުވަހަކީ ރީ-ރެޖިސްޓްރޭޝަންގެ މުއްދަތު ހަމަވާ ދުވަސްކަމަށާއި ފަހުވަގުތަށް ނުތިއްބަވާ ވީހާވެސް އަވަހަށް ރީ-ރެޖިސްޓްރީ ކުރައްވަންޖެހޭ ފަރާތްތަކުން ރީ-ރެޖިސްޓްރީކޮށް ނިންމުމަށް އަފްޝަން އެދި ވަޑައިގަތެވެ. ރީ-ރަޖިސްޓްރޭޝަންގެ ކަންކަމުގައި އެއްވެސް އެހީތެރިކަމެއް ބޭނުންވާފަރާތްތަކަށް އެމްޑީޕީ ކެމްޕެއިން އޮފީހުން (ކުރީގެ ލުއުލުއު ފިހާރަ، ސޯސަންމަގު) އެކަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އަފްޝަން ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އެޕްލިކޭޝަން ހުށަހެޅުމަށް އެންމެފަހުގެ ތާރީޚަކީ މިހިނގާ ފެބްރުވަރީ މަހުގެ 24 ވާ ހޯމަ ދުވަސްކަމަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އެޕްލިކޭޝަން ހުށަހެޅުމަށް އެހީތެރިކަމެއް ބޭނުންވާ ފަރާތްތައް އެމްޑީޕީ ކެމްޕެއިން އޮފީހަށް ވަޑައިގަތުމުން އެކަމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާކަމަށެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން އެމްޑީޕީން ރަށްވެހި ފަތިސް ގެ ނަމުގައި ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ