ވައިކަރަދޫ ކައުންސިލް ގޮނޑިއެއްވެސް އެމްޑީޕީން ކަށަވަރުކޮށްފި

އިންތިޚާބުގެ ކުރިން ހދ. ވައިކަރަދޫ ކައުންސިލްގެ ގޮނޑިއެއް ވެސް އެމްޑީޕީން ކަށަވަރުކޮށްފި އެވެ.

ފެބްރުއަރީ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް ވައިކަރަދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތި ލައްވާފައިވަނީ އެމްޑީޕީގެ ފަރާތުން ކުރިމަތިލި އަބްދުﷲ ޒާމިރު އެކަންޏެވެ. ޒާމިރަކީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި ވައިކަރަދޫ ކައުންސިލްގެ ރައީސްގެ ޓިކެޓު ހޯއްދެވި ފަރާތެކެވެ.

5 ކައުންސިލަރުން އިންތިޚާބު ކުރާ ވައިކަރަދޫ ކައުންސިލްގެ ދެން ހުރި 4 ގޮނޑި ހޮވުމަށް އިންތިޚާބު ބާއްވާނެ އެވެ. ޒާމިރުވަނީ މިދިޔަ މަޖިލިސް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވެސް ވާދަކުރައްވާފައެވެ.

އެމްޑީޕީން ވަނީ މިހާތަނަށް އިންތިޚާބުކުރިން ނ. ކުޑަފަރި ކައުންސިލްގެ 3 ގޮނޑި ކަށަވަރުކޮށް އެ ކައުންސިލްގެ މެޖޯރިޓީވެސް ނަގާފައެވެ. އަދި ނ. މާފަރު ކައުންސިލް ރައީސް ގޮނޑިއެއްވެސް އެމްޑީޕީން ވަނީ ކަށަވަރު ކޮށްފައެވެ.

ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ 877 ފަރާތަކުން ވާދަކުރައްވާއިރު އޭގެ ތެރެއިން 337 ކެނޑިޑޭޓުންނަކީ އަންހެން ކަނބަލުންނެވެ. އެންމެ ގިނަ ކެނޑިޑޭޓުން މި އިންތިޚާބުގައި ވާދަކުރަނީ އެމްޑީޕީން ނެވެ. ދެން އެންމެ ގިނަ ކެނޑިޑޭޓުން ވާދަ ކުރައްވަނީ ޕީޕީއެމް އިން ކަމަށްވިޔަސް ޕީޕީއެމް އިން ވާދަކުރައްވަނީ ކިތައް ކެނޑިޑޭޓުން ކަމެއް އަދި ސާފެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ