ލީގު 1 ގައި ރޭ ބޯޑޯއާއި ޕީއެސްޖީ ބައްދަލުކުރި މެޗުގައި އެޑިސަން ކަވާނީ ޕީއެސްޖީއަށް ޖަހައިދިން 200 ވަނަ ލަނޑު ފެނިގެންދިޔައިރު، ނޭމާއަށް ރަތްކާޑެއް ދައްކައިފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު ޕީއެސްޖީއިން ކާމިޔާބުކޮށްފައިވަނީ 4-3 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ ބޯޑޯއިންނެވެ. މެޗުގެ 18 ވަނަ މިނަޓްގައި އުއިޖޯ ކާމިޔާބުކޮށްދިން ލަނޑާއެކު ލިބުނު ލީޑު ބޯޑޯއަށް މާގިނައިރު ހިފަހައްޓާ ލެވޭގޮތްވަނީ ނުވެފައެވެ. އޭގެ 7 މިނަޓްފަހުން ޕީއެސްޖީގެ ކަވާނީވަނީ ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ ކަވާނީ ޕީއެސްޖީއަށް ކާމިޔާބުކޮށްދިން 200 ވަނަ ލަނޑެވެ. ޕީއެސްޖީއަށް 200 ލަނޑު ކާމިޔާބުކޮށްދިން ހަމައެކަނި ކުޅުންތެރިޔާއަކީވެސް ކަވާނީއެވެ.
Edinson Cavani becomes the first-ever player to hit 200 goals for PSG ? pic.twitter.com/gkvVTO9n1M
— B/R Football (@brfootball) February 23, 2020
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މާކުއިނޯސް ޕީއެސްޖީއަށް ލީޑު ނަގައިދިންނަމަވެސް، އިތުރު ވަގުތު ހަމަވެ، ފުރަތަމަ ހާފު ނުނިމެނީ ބޯޑޯއިން އިތުރު ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.
މެޗުގެ ދެވަނަ ހާފުގައި ދެވަނަ ފަހަރަށް މާކުއިނޯސް ޕީއެސްޖީއަށް ލީޑު ނަގައިދިންއިރު، އޭގެ ހަ މިނަޓް ފަހުން އެމްބާޕޭ އިތުރު ލަނޑެއްޖަހައި ޕީއެސްޖީއަށް ލީޑު އިތުރަށް ފުޅާކޮށްދިނެވެ. އަދި މެޗުގެ ފަހުކޮޅު ޕާޑޯ ލަނޑެއްޖަހައި ބޯޑޯއަށް ފަރަގު ކުޑަކޮށްދިންއިރު، މެޗު ނިމިގެންދިޔައީ އިތުރު ވަގުތުގައި ނޭމާއަށް ދެއްކި ރަތްކާޑާއެކުގައެވެ. ނޭމާއަށް ރަތްކާޑު ދައްކާފައިވަނީ ބޯޑޯގެ ޖާޒީ ނަންބަރު 19 އަޑްލީއަށް ކުރި ފައުލަކާއި ގުޅިގެން ދެއްކި ދެވަނަ ރީނޑު ކާޑާއެކުގައެވެ.

26 މެޗުން ލިބުނު 65 ޕޮއިންޓާއެކު ޕީއެސްޖީ އޮތީ ތާވަލްގެ އެއްވަނާގައެވެ. ދެވަނާގައި މާސެއިލް އޮތީ 52 ޕޮއިންޓާއެކުގައެވެ.




