އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާރ ޔުނައިޓެޑުން ފަޞޭހަކަމާއެކު ވެޓްފޯޑު ބަލިކުރިއިރު، އެވަޓަން އަތުން އާސެނަލް ހަނިގޮތަކަށް މޮޅުވެއްޖެއެވެ.
އޯލްޑްޓްރެފޯޑުގައި ކުޅެވުނު މެޗުގައި ވެޓްފޯޑުގެ މައްޗަށް ޔުނައިޓެޑުން ކުރި ހޯދީ 3-0 ގެ ނަތީޖާ އަކުންނެވެ.
ޔުނައިޓެޑުގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފުގައި ފެނިގެގޮސްފައިވާއިރު، އަނެއް ދެ ލަނޑު ޖަހާފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. ޔުނައިޓެޑުގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ބްރޫނޯ ފާނަންޑޭސް އަދި އަދި މާޝިއާލްގެ އިތުރުން މޭސަން ގްރީންވުޑެވެ. ރޭ ފެނިގެންދިޔައީ ޔުނައިޓެޑަށް ފާނަންޑޭސް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
މިމޮޅާއެކު ޔުނައިޓެޑްވަނީ ގަދަ 4 ކާއި ކައިރިއަށް ޖެހިލާފައެވެ. ފަސްވަނާގައި ޔުނައިޓެޑް 41 ޕޮއިންޓާއެކު އޮތްއިރު، ޗެލްސީ ހަތަރުވަނާގައި އޮތީ 44 ޕޮއިންޓާއެކުގައެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި އެވަޓަންއާއި ދެކޮޅަށް ކުޅުނު މެޗު އާސެނަލްއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
މެޗު ފެއްޓުމާއެކު އެވަޓަންއިން އާސެނަލް ހައިރާންކޮށްލީ 49 ވަނަ ސިކުންތުގައި ކަލްވެޓް ލެވިން ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. ނަމަވެސް ހިތްވަރާއެކު ކުޅެމުންދިޔަ އާސެނަލްއިން މެޗުގެ ނަތީޖާ ހަމަހަމަކުރިީ މެޗުގެ 27 ވަނަ މިނަޓްގައި ކެއިޓާ ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ.
އޭގެ ހަ މިނަޓް ފަހުން އޮބަމަޔާން ފުރަތަމަ ފަހަރަށް މެޗުގައި އާސަނަލްއަށް ލީޑު ނަގައިދިންއިރު، މިލަނޑަކީ އެކަނިމާއެކަނި ބޯޅައާއެކު އޭރިއާތެރެއަށްވަދެ ގޯލްގެ ދުރުކަނަށް އޮޅާލި ބޯޅައަކުން ކާމިޔާބުކޮށްދިން ލަނޑެކެވެ. އެހެންނަމަވެސް އެވަޓަންއިން މެޗުގެ ފުރަތަމަ ހާފު ނިންމާލީ އިތުރު ވަގުތުގައި ރިޗާލިސަން ކާމިޔާބުކޮށްދިން ލަނޑާއެކު 2-2 ގެ ނަތީޖާއަކުން މެޗުގެ ނަތީޖާ ހަމަހަމަކޮށްގެންނެވެ.
އާސެނަލްއަށް ދެވަނަ ފަހަރަށްވެސް ލީޑު ނަގައިދިނީ އޮބަމަޔާންއެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ މިސީޒަންގެ ޕްރިމިއާ ލީގުގައި ޖެހި 17 ވަނަ ލަނޑެވެ. އެއާއެކު އޮބަމަޔާންވަނީ ޕްރިމިއާ ލީގުގެ މިސީޒަންގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނާގައި އޮތް ވާޑީއާއި ހަމަހަމަކޮށްފައެވެ. ވާޑީވަނީ މިސީޒަންގެ ޕްރިމިއާ ލީގުގައި މިހާތަނަށް 17 ލަނޑުޖަހައި 4 އެސިސްޓް ހަދާފައެވެ.
ރޭގެ މޮޅާއެކު އާސެނަލްވަނީ ތާވަލްގެ 9 ވަނައަށް ޖެހިލާފައެވެ.



