ހޯމް މިނިސްޓަރ އިމްރާން ރައީސް ޔާމީނާއި ޖަލުގައި ބައްދަލު ކުރައްވައިފި

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ މާފުށީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި މިއަދު ބައްދަލު ކުރައްވައިފި އެވެ.

މިނިސްޓަރ އިމްރާން ރައީސް ޔާމީންއާ ބައްދަލު ކުރެއްވީ، މިއަދު މާފުށީ ޖަލުގެ ހާލަތު ބެއްލެވުމަށް ޖަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އިމްރާން ވަނީ ރައީސް ޔާމީން އާއި ބައްދަލު ކުރައްވައި ރައީސް ޔާމީންގެ ހުރި ކަންބޮޑުވުންތައް އަޑު އައްސަވާފައި ކަމަށް ކަރެކްޝަނަލް ސާވިރސް އިން ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ކަރެކްޝަންސް އިން ހާމައެއް ނުކުރެ އެވެ. އިމްރާން މާފުށީ ޖަލަށް ޒިޔާރަތްކުރެއްވިއިރު ދާދިފަހުން ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަން ކުރެއްވި އަޙުމަދު މުހައްމަދުފުޅުވެސް ވަނީ އިމްރާން އާއިއެކު މާފުށީ ޖަލަށް ޒިޔާރަތް ކުރައްވައިފައެވެ.

އިމްރާން ރައީސް ޔާމީނާއި ބައްދަލު ކުރެއްވިއިރު ދާދި ފަހުން ރައީސް ޔާމީނަށް ވަނީ 3 ދުވަސް ވަންދެން އައިޖީއެމްއެޗް ގައި ފަރުވާ ދީފައެވެ.

މަނީ ލައުންޑަރިންގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާ ރައީސް ޔާމީނުގެ އިސްތިއުނާފުގެ އަޑު އެހުމެއް މިއަދު ހައި ކޯޓުގައި ބާއްވާފައި ވެއެވެ. ޔާމީންގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން އެ މަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ނުކުރެވޭނެ ކަމަށް ނިންމާފަައިވާ ނިންމުން މުރާޖާ ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ