ވާހަކަ ލިޔުންތެރިޔާ އަހަމަދު އިޤްބާލުގެ "އެހެނަސް ހަމަ ލޯބިވެޔޭ" ވާހަކައިގެ މައްޗަށް އުފައްދާ ވެބް ސީރީޒް "އެހެނަސް" އަކީ ތަބީޢަތުގައި ރަނޑު ގޮތެއް ހުންނަ ފިރިހެންކުއްޖެއްގެ ހަޔާތުގައި ކުރިމަތިވާ ތަފާތު ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ސީރީޒްއެކެވެ.
"އެހެނަސް" ގެ އޮފިޝަލް ޓްރެއިލާ މިހާރު ދައްކާލައިފައިވާއިރު، މި ސިރީޒްއިން، ކުޑައިރުއްސުރެ ޖިންސީ ގޯނާއާއި ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ އަދި ގަނާ ކުރުމާ ކުރިމަތިވާ ފިރިހެންކުއްޖެއްގެ ހަޔާތުގައި ދިމާވާ ތަފާތު ހާދިސާތަކެއް ކިޔައިދީ، އަދި މުޖުތަމަޢުގައި ހިނގާ ގިނަ އިޖްތިމާޢީ މައްސަލަތަކެއް ދައްކައިދޭނެއެވެ.
ރަވީ ފާރޫގްގެ ޑައިރަކްޝަނުގެ ދަށުން ގެނެސްދޭ ވެބް ސީރީޒް "އެހެނަސް" ގެ ޓްރެއިލާއިން އަސަރުގަދަ މަންޒަރުތަކެއް ފެނިގެންދާއިރު، މި ސީރީޒްގެ ގިނަ ކާސްޓުންގެ ގޮތުގައި ހަރަކާތްތެރިވަނީ އަލަށް މި ދާއިރާއަށް ތަޢާރަފުވާ ކުދިންނެވެ.
ސީރީޒްގެ ކާސްޓުންގެ ގޮތުގައި ހިމެނޭ މުޅިން އާ މޫނުތަކަށް ބަލާލާއިރު، ލީޑު ރޯލުން ފެނިގެންދާނީ މުހައްމަދު ވިޝާލްއެވެ. އަދި އިތުރު މުހިންމު ރޯލުތަކުން ފެނިގެންދާ ޝަރާ، ޝަމާނާ، މަސީހް، ޝާރިފް، ޝިލްނާ ނަދީހް، މަރިޔަމް ވަހީދާ، ޔާމިން އަދި އުސާމް އަކީވެސް މުޅިން އާ ފަންނާނުންތަކެކެވެ. މީގެ އިތުރުން މިވަގުތު ދާއިރާގައި ހަރަކާތްތެރިވާ ތަރިންގެ ތެރެއިން ޝީލާ ނަޖީބް، މުހައްމަދު މަނިކް އަދި އަހްމަދު ޔުނާން މި ސީރީޒްއިން ފެނިގެންދާނެއެވެ
ދެ ސީޒަންއަކަށް ބަހާލައިގެން ގެނެސްދޭ މި ސީރީޒް ދައްކަން ހަމަޖެހިފައިވަނީ ބައިސްކޯފް އެޕް މެދުވެރިކޮށެވެ. އަދި ސީރީޒްގެ ފުރަތަމަ ސީޒަން ވަރަށް އަވަހަށް ބައިސްކޯފުން ބަލާލަން ލިބޭނެއެވެ.




