ޕްރިމިއާ ލީގުގައި މެންޗެސްޓާރ ސިޓީ ހަދާފައިވާ ރެކޯޑަކާއި ލިވަޕޫލް ހަމަކޮށްފިއެވެ.
ރޭ ވެސްޓްހާމްއާއި ދެކޮޅަށް އެންފީލްޑްގައި ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ލިވަޕޫލްއިން ކާމިޔާބުކޮށް ސިޓީގެ ރެކޯޑާއި ހަމަކޮށްފައިވާއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު މެންޗެސްޓާރ ޔުނައިޓެޑާއި ދެކޮޅަށް ކުޅެ އެއްވަރު މެޗަށްފަހު ޕްރިމިއާ ލީގުގައި ކުޅުނު ހުރިހާ މެޗަކުން ލިވަޕޫލްވަނީ މޮޅުވެފައެވެ.
ރޭގެ މޮޅަކީ ލީގުގައި ޖެހިޖެހިގެން ލިވަޕޫލް މޮޅުވި 18 ވަނަ މެޗެވެ. މިރެކޯޑު މީގެކުރިން މެންޗެސްޓާރ ސިޓީއިން ހަދާފައިވާއިރު، ސިޓީއިން މިރެކޯޑު ހަދާފަވަނީ 2017 ވަނަ އަހަރު އެވެ. މީގެއިތުރުން ހޮނިހިރު ދުވަހުގެ ރޭ ވެޓްފޯޑާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ސިޓީގެ ރެކޯޑު މުގުރާލުމުގެ ފުރުޞަތުވެސް ލިވަޕޫލަށް އެބައޮތެވެ.
Liverpool comes back to beat West Ham and make history.
— ESPN Stats & Info (@ESPNStatsInfo) February 24, 2020
- 18 straight EPL wins (ties 2017 Manchester City's English top-flight record)
- 21 straight home EPL wins (ties 1972 Liverpool's English top-flight record) pic.twitter.com/CNbG7zxz6G
ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗުގައި ލިވަޕޫލުން ވެސްޓްހާމް ބަލިކުރީ ފަހަތުން އަރައެވެ. މެޗުގެ ފުރަތަމަ ލިވަޕޫލުން ޖެހިނަމަވެސް 9 ވަނަ މިނަޓްގައި ވައިނަލްޑަމް ލިވަޕޫލަށް ކާމިޔާބުކޮށްދިން މިލަނޑާއެކު ލިބުނު ލީޑު ގެއްލުނީ އޭގެ 3 މިނަޓް ފަހުން ވެސްޓްހާމްގެ ޑިއޮޕް ކާމިޔާބުކޮށްދިން ލަނޑާއެކު ނަތީޖާ ހަމަހަމަ ކުރުމުންނެވެ.
އަދި ދެވަނަ ހާފުގެ ކުރީކޮޅު ފޯނަލްސް ކާމިޔާބުކޮށްދިން ލަނޑާއެކު މެޗުގައި ފުރަތަމަ ފަހަރަށް ވެސްޓްހާމްއިން ލީޑު ނެގިއެވެ. ނަމަވެސް ވަރުގަދައަށް ކުޅެމުންދިޔަ ލިވަޕޫލްއިން ނަތީޖާ ހަމަހަމަކުރީ 68 ވަނަ މިނަޓްގައި މުޙައްމަދު ސަލާޙް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ލިވަޕޫލު މޮޅުވި ލަނޑު މާނޭ ކާމިޔާބުކޮށްދިނީ މެޗުގެ 81 ވަނަ މިނަޓްގައެވެ.
މިމޮޅާއެކު ލިވަޕޫލުންވަނީ އާސެނަލްއިން ބަލިނުވެ 49 މެޗު ފުރިހަމަކޮށް ހެދި ރެކޯޑާއި ގާތްކޮށްފައެވެ. ލިވަޕޫލްވަނީ ޕްރިމިއާ ލީގުގައި ބަލިނުވެ 44 މެޗު ހަމަކޮށްފައެވެ.
އެއްވެސް މެޗަކުން ބަލިނުވެ، 22 ޕޮއިންޓްގެ ލީޑަކާއެކު ލިވަޕޫލް ތާވަލްގެ އެއްވަނާގައި އޮތްއިރު ލީގު ކާމިޔާބުކުރަން ލިވަޕޫލް ދެން ބޭނުންވަނީ އެންމެ 12 ޕޮއިންޓެވެ. ލިވަޕޫލްއިން އެންމެފަހުން ލީގު ތަށި އުފުލާލާފައިވަނީ މީގެ 30 އަހަރު ކުރިންނެވެ.
								
											

