ރޮނާލްޑޯގެ ރެކޯޑަކާއި ލެވެންޑޯސްކީ އެއްވަރުކޮށްފި

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގައި ރޭ ޗެލްސީއާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗުގައި ރޮބާޓް ލެވެންޑޯސްކީ ކާމިޔާބުކޮށްދިން ލަނޑާއެކު، ކްރިސްޓިއާނޯ ރޮނާލްޑޯގެ ރެކޯޑަކާއި އޭނާ އެއްވަރުކޮށްފިއެވެ.

ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅެވުނު މިމެޗު 3-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ކާމިޔާބުކޮށްފައިވާއިރު، ގްނަބްރީވަނީ ބަޔާންއަށް ދެލަނޑު ޖަހައިދީފައެވެ. އަދި އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ލެވެންޑޯސްކީއެވެ. ރޭގެ މެޗުގައި ފެނިގެންދިޔަ ތިން ލަނޑުވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ.

މިސީޒަންގެ ޗެމްޕިއަންސް ލީގު އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓްގައި ލެވެންޑޯސްކީ އޮތީ 11 ލަނޑާއި 2 އެސިސްޓާއެކުގައެވެ. މިލިސްޓްގެ ދެވަނާގައި ޑޯޓުމުންޑުގެ ޒުވާން ހާލަންޑް އޮތީ 10 ލަނޑާއި 1 އެސިސްޓާއެކުގައެވެ.

މިސީޒަންގައި މިހާތަނަށް ކުޅުނު 7 މެޗުން 11 ލަނޑުޖަހާފައިވާ ލެވެންޑޯސްކީގެ އެންމެ ކާމިޔާބު ސީޒަންއަކީވެސް މިއީއެވެ. މީގެއިތުރުން ރޭ ފެނިގެންދިޔަ ލަނޑަކީ ލެވެންޑޯސްކީ މިސީޒަންގައި އަވޭގައި ޖެހި 9 ވަނަ ޗެމްޕިއަންސް ލީގު ގޯލެވެ. އެއާއެކު މިމުބާރާތުގެ އެއްސީޒަނެއްގައި އެންމެ ގިނައިން އަވޭ ލަނޑުޖެހި ކުޅުންތެރިން ލިސްޓުގެ އެއްވަނައަށް ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ލެވެންޑޯސްކީވެސް ވަނީ އަރާފައެވެ. ރޮނާލްޑޯ މިރެކޯޑު ހަދާފައިވަނީ 2013-14 ވަނަ ސީޒަންގައެވެ.

ބަޔާންގެ އަނެއް ދެލަނޑުޖެހި ގްނަބްރީ މިސީޒަންގެ ޗެމްޕިއަންސް ލިގުގައި މިހާތަނަށް ޖަހައިދިން ހަ ލަނޑުވެސް ޖަހާފައިވަނީ ލަންޑަންގައެވެ. ފުރަތަމަ ހަތަރު ލަނޑު ފެނިގެން ގޮސްފައިވަނީ ޓޮޓޭންހާމް ހޮޓްސްޕާ ސްޓޭޑިއަމްގައި 7-2 ގެ ނަތީޖާއަކުން ޓޮޓޭންހާމްގެ މައްޗަށް ބަޔާންކުރި ހޯދި މެޗުގައެވެ.

ބަޔާން މިއުނިކް އަދި ޗެލްސީ ބައްދަލުކުރާ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ދެވަނަ ލެގު ޖަރުމަނުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، އެލިއަންސް އެރީނާގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗު އޮންނާނީ އަންނަ މާރޗްމަހުގެ 18 ވަނަ ދުވަހުގެ ރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ