ރައީސް ޞޯލިހު ބޭނުންފުޅުވާ ކަމެއް ކުރެއްވުމަށް ކޯލިޝަންގެ ސަބަބުން ދައްޗެއްނުވާނެ: ހަސަން ލަތީފު

ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު ބޭނުންފުޅުވާ ކަމެއް ކުރައްވަން ސަރުކާރު ކޯލިޝަންގެ ސަބަބުން ހުރަސްތަކެއް ނުހުންނާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޙީ ޕްރޮގްރާމް ގައި ވާހަކަފުޅު ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފު ވިދާޅުވީ ރައީސް ޞޯލިހު ބޭނުންފުޅުވާ ކަމެއް ކުރައްވަން ކޯލިސަންގެ ސަބަބުން ދަތިތަކެއް ކުރިމަތި ނުވާނެ ކަމަށާއި ރައީސް ބޭނުންފުޅުވާ ކަމެއް ކުރެއްވޭނެ ކަމަށެވެ.

ހަސަން ލަތީފު ވިދާޅުވީ މަޖިލިސްގައި ރައީސް ޞޯލިހުގެ 65 މެމްބަރުން އެބަ ތިއްބެވި ކަމަށާއި ކަމަކަށް ދަތިވެގެން އުޅުއްވަން ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަޤީންކަން ރައީސް ޞޯލިހަށްވެސް އޮންނަވާނެ ކަމަށެވެ. އެމްޑީޕީގެ އެންމެ އިސް ލީޑަރަކީ މިވަގުތު ރައީސް ޞޯލިހު ކަމަށްވެސް ހަސަން ލަތީފުވަނީ ވިދާޅުވެފައެވެ.

ކެބިނެޓުގައި އެކި ޕާޓީ ތަކުގެ ސްލޮޓު ތަކުގައި އެކި ޕާޓީ ތަކަށް ނިސްބަތްވާ ވަޒީރުން ތިއްބެވިޔަސް އެއީ ރައީސް ޞޯލުހުގެ ވަޒީރުން ކަމަށާއި ރައީސް ކަމެއް ވިދާޅުވުމުން އެކަމަށް އިންކާރު ނުކުރައްވާނެ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

އަދި ރައީސް ޞޯލިހާއި ރައީސް ނަޝީދުގެ މައްސަލަތަކެއް އުޅޭކަމަށް ދެކެވޭ ވާހަކަތައް ހަސަން ލަތީފު ވަނީ ދޮގު ކުރައްވާފައެވެ. ހަސަން ލަތީފު ވިދާޅުވީ ރައީސް ޞޯލިހާއި ރައީސް ނަޝީދަކީ ކޮންމެ ދުވަހަކުވެސް އެކި ކަންކަމާއި މަސްވަރާކޮށް ވާހަކަ ދައްކަވާ ހައްދަވާ ދެބޭފުޅުން ކަމަށެވެ. 2 ބޭފުޅުންގެ އަމާޒުވެސް ހުރީ އެއް ދިމާލަކަށްކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ. އެންމެ ފަހުން ބޭއްވި ރަށްވެހި ފަތިސް ކެމްޕެއިން ޖަލްސާގައި 2 ބޭފުޅުން ދެއްކެވި ވާހަކަފުޅުންވެސް އެކަން ސާފުވެލައްވާނެ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ