ޔޫސީއެލް - ރެއަލް ބަލިވިއިރު، ރާމޯސްއަށް ރަތްކާޑުގެ ރެކޯޑެއް

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގައި ރޭ މެންޗެސްޓާރ ސިޓީއަތުން ރެއަލްމެޑްރިޑް ދަށްވިއިރު، އެކްލަބުގެ ފަހަތަށް ކުޅެމުން އަންނަ ސާޖިއޯ ރާމޯސް ޗެމްޕިއަންސް ލީގު ރަތްކާޑުގެ ރެކޯޑަކާއި ހަމަކޮށްފިއެވެ.

ސަންޓިއާގޯ ބާނަބޯގައި ރޭ ކުޅެވުނު ފޯރިގަދަ މެޗު ފަހަތުން އަރައި ސިޓީއިން ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއްޖެހިފައިނުވިނަމަވެސް ސިޓީއަށްވަނީ ލަނޑުޖަހާނެ ރަނުގެ ފުރުޞަތެއް ލިބިފައެވެ. އޭރިއާ ތެރެއިން ސިޓީގެ ގެބްރިއަލް ޖީސޫސް ފޮނުވާލި ހަމަލާ ދިފާޢުކުރީ ރެއަލްމެޑްރިޑްގެ ކީޕަރު ކޯޓުއާއެވެ.

ސިޓީގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި މެޗުގެ ފުރަތަމަ ލަނޑު ރެއަލްމެޑްރިޑުން ކާމިޔާބުކޮށްފައިވާއިރު، 60 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު އެކްލަބަށް ކާމިޔާބުކޮށްދިނީ އިސްކޯއެވެ. ފޯރިއާއެކު ކުޅެމުންދިޔަ ސިޓީއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 78 ވަނަ މިނަޓްގައެވެ. ޑިބްރޫނޭގެ ހުރަހަކުން ޖީސޫސް މިލަނޑު ޖަހާފައިވަނީ ގޯލް ކުރިމަތީ ހުރެ ބޮލުންނެވެ. ޖީސޫސް މިލަނޑު ޖެހުމުގެ ކުރިން ރާމޯސްއަށް ފައުލްކޮށްފައިވާކަމަށް ރެއަލްމެޑްރިޑް ކުޅުންތެރިން އެޕީލްކުރިނަމަވެސް، ރެފްރީ ނިންމީ އެއީ ރަނގަޅު ލަނޑެއްކަމަށެވެ.

އޭގެ ފަސް މިނަޓްފަހުން ފުރަތަމަ ފަހަރަށް ސިޓީއިން ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުން ޑިބްރޫނޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ސްޓާލިންއަށް އޭރިއާތެރެއިން ކާވަހާލްކުރި ފައުލަކާއި ގުޅިގެން ލިބުނު މިޕެނަލްޓީ ޑިބްރޫނޭ ޖަހާފައިވަނީ ތިރިތިރިން ގޯލުގެ އަރިމަތީ ކަނަށެވެ. ކީޕަރު ކޯޓުއާ ޑައިބްކުރީ ޑިބްރޫނޭ ބޯޅަ ޖެހިފަރާތް ނޫން އަނެއް ފަރާތަށެވެ.

އެއްލަނޑު ދަށުގައި އޮތް ރެއަލްމެޑްރިޑަށް އިތުރު ހާސްކަމެއް ގެނުވީ 86 ވަނަ މިނަޓްގައި ރާމޯސްއަށް ދެއްކި ރަތްކާޑާއެކުގައެވެ. އެކަނިމާއެކަނި ބޯޅައާއެކު ދިޔަ ސިޓީގެ ފޯވާޑު ޖީސޫސްއަށް ރާމޯސް ފައުލްކޮށްފައިވަނީ އޭރިއާގެ ރޮނގުންމަތިން ކަހަލަ ގޮތަކަށެވެ. މިފައުލާއެކު ރެފްރީވަނީ ރާމޯސްއަށް ސީދާރަތްކާޑެއް ދައްކާފައެވެ.

މިއީ ޗެމްޕިއަންސް ލީގުގައި ރާމޯސްއަށް ދެއްކި 4 ވަނަ ރަތްކާޑެވެ. އެއާކު މިލީގުގައި އެންމެގިނަ ރަތްކާޑު ދެއްކި ކުޅުންތެރިންނާ ރާމޯސްވަނީ އެއްވަރުވެފައެވެ. އިބްރަހިމޮވިޗަށާއި، އެޑްގާއަށްވެސް ޗެމްޕިއަންސް ލީގުގައި 4 ރަތްކާޑު ދައްކާފައިވެއެވެ.

މިއީ ރާމޯސްގެ ކެރިއަރުގައި އޭނާއަށް ދެއްކި 26 ވަނަ ރަތްކާޑެވެ. މިރަތްކާޑާއެކު މިމެޗުގެ ދެވަނަ ލެގު ރާމޯސްއަށް ނުކުޅެވޭނެއެވެ. ސިޓީ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އެމެޗު އޮންނާ އަންނަ މާރޗްމަހުގެ 17 ވަނަ ދުވަހުގެ ރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ