ޔޫސީއެލް - ލިޔޯންއިން ޔުވެންޓަސްއާއި ރޮނާލްޑޯ ޙައިރާންކޮށްލައިފި

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގައި ރޭ ކުޅުނު މެޗުން މޮޅުވެ ފްރާންސްގެ ކްލަބެއްކަމަށްވާ ލިޔޯއިން ޔުވެންޓަސްއާއި ޗެމްޕިއަންސް ލީގުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޙައިރާންކޮށްލައިފިއެވެ.

އަމިއްލަ ދަނޑުގައި ލިޔޯންއިން ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި އެކްލަބުންވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ފުލުފުލުގައި ޔުވެންޓަސްއަށް ނުރައްކާކުރަމުންދިޔަ ލިޔޯންއިން ލީޑުނެގީ 31 ވަނަ މިނަޓްގައި ޓޯސާޓް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އެއާކު ލިޔޯންއިންވަނީ މިލީޑު ދެމެހެއްޓުމަށް ޑިފެންސް ވަރުގަދަކޮށްފައެވެ.

ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފުގައި ގިނަ ހަމަލާތަކެއް އުފެއްދީ ޔުވެންޓަސްއިން އިންނެވެ. ދެވަނަ ހާފުގެ ކުރީކޮޅު ހުސް ދެ ފުރުޞަތެއް ޔުވެންޓަސްގެ ޑިބާލާއަށް ލިބިގެންދިޔަނަމަވެސް ޑިބާލާ ފޮނުވާލި ދެހަމަލާވެސް ވަނީ ގޯލާއި އަމާޒުވާގޮތްނުވެފައެވެ.

މެޗު ނިމިގެންދިޔައީ ޔުވެންޓަސްއަށް ލިޔޯންގެ ގޯލާއި އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވޭގޮތްނުވެއެވެ. މިދިޔަ ހޮނިހިރު ދުވަހު އިޓާލިއަން ސީރީއާގައި ޖެހިޖެހިގެން 11 މެޗުގައި ލަނޑުޖަހައި ރެކޯޑު ލީގުގެ ރެކޯޑަކާއި އެއްވަރުކުރި ރޮނާލްޑޯއަށްވެސް ލިޔޯންގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭގޮތްވަނީ ނުވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފެނިގެންދިޔަ ލަނޑާއެކު މެޗުގެ ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއަކުން ލިޔޯން ކުރީގައި އޮވެގެންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޔުވެންޓަސްގެ ކޯޗު ސާރީ ބުނީ، ފުރަތަމަ ހާފުގައި ޔުވެންޓަސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައިނުވިނަމަވެސް ދެވަނަ ހާފުގައި ދެއްކި ކުޅުން ވަރަށް ބޮޑުތައް ރަނގަޅުކަމަށެވެ. އަދި ޗެމްޕިއަންސް ލީގުގައި އެއް ހާފު ކުޅުމުން ނުފުދޭނެކަމަށްވެސް ސާރީ ބުންޏެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ފުރަތަމަ ލެގުން އެތުލެޓިކޯ އަތުން 2-0- ގެ ނަތީޖާއަކުން އަވޭގައި ދަށްވި ޔުވެންޓަސް، ދެވަނަ ލެގުގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން ހެޓްރިކާއެކު މުބާރާތުގެ ކުއާޓާއަށްވަނީ ދަތުރުކޮށްފައެވެ. ކުއާޓާއިން ޔުވެންޓަސް ކެޓީ މިދިޔަ ސީޒަންގައި ޙައިރާންކުރުވަނިވި ނަތީޖާތަކެއް ނެރުނު އަޔޭކްސް އަތްދަށުވެއެވެ.

ޔުވެންޓަސްއާއި ލިޔޯން ބައްދަލުކުރާ މިމެޗުގެ ދެވަނަ ލެގު އޮންނާނީ އަންނަ މާރޗްމަހުގެ 17 ވަނަ ދުވަހުގެ ރެއެވެ. އެމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޔުވެންޓަސްގެ ދަނޑުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ