އަލްހާން ފަހުމީ ޕީޕީއެމްގެ ރިޔާސީ ކެމްޕއިންގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ | ފޮޓޯ : އަވަސް

ސިޔާސީ މިނިވަން ކަމާއިމެދު ސުވާލު އުފެދޭކަމަށް ބުނެ އަލްހާން ޖުމްހޫރީ ޕާޓީން ވަކިވެއްޖެ

ސިޔާސީ މިނިވަން ކަމާއިމެދު ސުވާލު އުފެދޭކަމަށް ބުނެ އަލްހާން ފަހުމީ ޖުމްހޫރީ ޕާޓީން ވަކިވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ އަލްހާން ވަނީ ޖުމްހޫރީ ޕާޓީން ވަކިވެފައިވާކަން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

ޖޭޕީ އަށް އަލްހާން އިއްޔެ ފޮނުވި ސިޓީއެއްގައި ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ކުރިމަތިލާން ނިންމާފައިވަނީ އަމިއްލަ ގޮތުން ކަމަށާއި ނަމަވެސް ޖޭޕީގެ މެމްބަރަކަށް ވާތީ އޭނާގެ ސިޔާސީ ވިސްނުމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާ ކަމަށެވެ.

އަލްހާންގެ ސިޓީގައި ވިދާޅުވެފައިވަނީ މިވަގުތު ވަކި ސިޔާސީ ޕާޓީއެއްގައި ހުރުމުން އެބޭފުޅާގެ ސިޔާސީ މިނިވަންކަމާއިމެދު ސުވާލު އުފެދޭނެ ކަމަކަށްވާތީ ޖުމްހޫރީ ޕާޓީގެ މެންބަރުކަމުން އިސްތިއުފާ ދެއްވީ ކަމަށެވެ.

ދާދި ފަހުން ކުރެއްވި ޓްވީޓެއްގައި އަލްހާން ވަނީ “އަޅުގަނޑަކީ އެމްޑީޕީ މީހެއްވެސްމެ” ކަމަށް ވިދާޅުވެފައެވެ. އެމްޑީޕީގެ މެމްބަރުން ފުންކޮށް ވިސްނަވާ މާޒީ ހަނދާނަށް ގެންނެވުމަށް އަލްހާން ކުރެއްވި އެ ޓްވީޓުގައި ބުނެފައި ވެއެވެ.

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުކަން ކުރެއްވި އަލްހާން އެންމެ ފުރަތަމަ ހަރަކާތްތެރިވީ ރައީސް މައުމޫންގެ އަރިހުގައި ޑީއާރްޕީގަ އެވެ. އޭގެފަހުން ކުލަގަދަ ޖަލްސާއެއްގައި އެމްޑީޕީއާ ގުޅިވަޑައިގަތެވެ. އެމްޑީޕީ ތެރެއިން ނިއު އެމްޑީޕީއެއް އުފައްދަން އުޅުއްވުމަށްފަހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެތެވެ. އަނެއްކާ އެ ޕާޓީއިން ވެސް ވަކިވެ، އެމްޑީޕީއާ ގުޅުނެވެ. އެމްޑީޕީއިން އޭނާ އެ ފަހަރު ވަކިކުރީ އެވެ.

އެއަށްފަހު އަލްހާން ވަނީ ޕީޕީއެމް އާއި ގުޅި މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާއީދު ކުރައްވާ ކެމްޕެއިން ކުރައްވާފައެވެ. އިންތިހާބުން ރައީސް ބަލިވުމާއިއެކު އަލްހާން ވަނީ ޕީޕީއެމް އިންވެސް ވަކިވެފައެވެ. މިދިޔަ މަޖިލިސް އިންތިޚާބުގައި އަލްހާން ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިވެސް ލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ