މަސްވެރިކަމުގެ ބިލު އަނބުރާ ގެންގޮސްފި

މަސްވެރިކަމުގެ ގިނަ ކަންތައްތަކެއް ހަނިވާ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް މަސްވެރިކަމުގެ ބިލު އަނބުރާ ގެންގޮސްފިއެވެ.

ސަރުކާރުގެ ފަރާތުން މަސްވެރިކަމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

އެ ބިލު އަނބުރާ ގެންގޮސްފައިވާކަން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އިއުލާނު ކުރެއްވީ މިއަދުގެ މަޖިލީހުގެ ޖަލްސާގައެވެ. އެ ބިލު އަނބުރާ ގެންދެނީ ބިލު ހުށަހެޅުއްވި މެމްބަރު އެގޮތަށް އެދިވަޑައިގަތުމުން ކަމަށް ގާސިމް ވިދާޅުވިއެވެ.

އާންމުންނާއި ގިނަ މަސްވެރިންގެ ފާޑުކިޔުން އަމާޒުވި މަސްވެރިކަމުގެ ބިލް ސަރުކާރުން މަޖިލީހަށް ހުށަހެޅި އިރު އޮތްގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްރޭސް ބާއްވާ ނަމަ ވެސް ކުރިއާލައި ފިޝަރީޒް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހެއެވެ.

އާންމުންގެ ކަންބޮޑުވުމަށް ޖަވާބުދެއްވަމުން ބިގޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަސްވެރިކަމަށް ލޯބިކުރައްވާ މީހުންނަށް ގޮންޖަހާފައި ބިލެއް ހުށަހަޅާ މީހަކަށް އޭނާ ނުވާނެ ކަމަށެވެ. "ބިލު އަނބުރާ ނެގުމަށްފަހު ރައްޔިތުން އެދޭ އިސްލާހުތައް ގެންނާނެ" ކަމަށް ބިގޭ ވަނީ ވިދާޅުވެފައެވެ.

އާންމުންގެ ކަންބޮޑުވުމަކީ މަސްވެރިކަމުގެ ކުދި ކުދި ކަންކަމުގައި މިނިސްޓްރީގެ ހުއްދަ ނަގާ ގޮތަށް އޮތުމެވެ. އަދި މަސްރޭސް ފަދަ މުބާރާތްތަށް ދިވެހިން ދިވެހިންގެ ކަނޑުގައި ބާއްވަން ބައެއްގެ ހުއްދަ ހޯދަން ޖެހުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގައި މަސްވެރިކަން ކުރުން މަސްވެރިކަމާ ބެހޭ ބިލުން މަނާކުރެ އެވެ. ނަމަވެސް މިނިސްޓްރީން ދޫކުރާ ސައްހަ ލިޔުމެއް އޮވެ، ބައިނަލްއަގްވާމީ ގާނޫނުތަކާއި މުއާހަދާތަކާއި ގަރާރުތަކާ ހިލާފު ނުވާގޮތަށް ރާއްޖޭގެ ކަނޑުން ބޭރުން މަސްވެރިކަން ކުރެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް