އިޓަލީގެ އިންޓަރމިލާންއަށް ކުޅެމުން އަންނަ ލަޓާރޯ މާޓިނޭޒް ހޯދުމުގެ ރޭހުގައި ސްޕެއިންގެ ރެއަލްމެޑްރިޑާއި ބާސެލޯނާ ވާދަކުރަމުންދާކަމަށް ރިޕޯރޓްތައް ބުނެފިއެވެ.
ސްޕެއިންއަށް ބަދަލުވާން ބޭނުންވެފައިހުރި މާޓިނޭޒް ހޯދުމަށް ބާސެލޯނާއިން މަސައްކަތްކުރަމުންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އެހެންނަމަވެސް ވާދަވެރި ރެއަލްމެޑްރިޑްވެސް މިރޭހުގެ ތެރެއަށް ވަންނަން މަސައްކަތްކުރަމުންދާކަމަށް ރިޕޯރޓްތައް ބުނެފައިވަނީ މިމަހުގެ ކުރީކޮޅުއެވެ.
ލުއިސް ސުއަރޭޒްގެ ބަދަލުގައި އާޖެންޓީނާގެ އުމުރުން 22 އަހަރުގެ މާޓިނޭޒް ގެންނަން ބާސެލޯނާއިން މަސައްކަތް ކުރަމުންދާއިރު، މާޓިނޭޒް އަކީ ބާސެލޯނާ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށާއި އެ ޓީމަށް ކުޅެން އޭނާ ބޭނުންވާނެ ކަމަށް މާޓީނޭޒްގެ އޭޖެންޓް ބެޓޯ ޔަކޭ މިދިޔައަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބުނެފައިވެއެވެ.
މިސީޒަންގައި ސީރީއާގައި ކުޅުނު 21 މެޗުން މާޓިނޭޒްވަނީ 12 ލަނޑު ޖަހައި 3 އެސިސްޓް ހަދާފައެވެ. އަދި ޗެމްޕިއަންސް ލީގުގައި ކުޅުނު ހަ މެޗުން ފަސް ލަނޑު އިންޓަރމިލާންއަށް ކާމިޔާބުކޮށްދީފައިވެއެވެ.
މާޓިނޭޒްގެ ރިލީޒް ކްލޯސް 111 މިލިއަން ޔޫރޯއަށް އަރައެވެ. ބާސެލޯނާ އަދި ރެއަލްމެޑްރިޑްގެ އިތުރުން މެންޗެސްޓާރ ޔުނައިޓެޑުންނާއި މެންޗެސްޓާރ ސިޓީއިންވެސްދަނީ މާޓިނޭޒްއަށް ފާރަލަމުންނެވެ.
ފަސް އަހަރުގެ އެއްބަސްވުމެއް ދަށުން މާޓިނޭޒް އިންޓަރމިލާންއަށް ބަދަލުވީ 2018 ވަނަ އަހަރުގެ ޖުލައިމަހުއެވެ. މާޓިނޭޒް އިންޓަރމިލާންއާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނީ 2023 ވަނަ އަހަަރުގެ ޖޫންމަހުއެވެ.




