މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއް ހޫނުވެއްޖެ

މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއް ހޫނުވެއްޖެއެވެ.

އިސްކަންދަރު ސްކޫލްގައި ރޭ ކުރިއަށް ދިޔަ ބައްދަލުވުމުގައި، ކައުންސިލަރުން ދެބަސްވެ ބައްދަލުވުން ހުއްޓާލާފައިވާއިރު، އެތާނގައި މާލޭ ސިޓީގެ ރައްޔިތުންގެ ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވެއެވެ.

މަޢުލޫމާތު ލިބޭގޮތުގައި ބައްދަލުވުން ހޫނުވެފައިވަނީ ބައްދަލުވުމުގައި ހިޔާލު ހުށަހަޅަމުން ވާހަކަ ދެއްކި އާންމުންގެ މީހަކު، އެމީހުން ކުރާ ސުވާލުތަކަށް ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުރުން އެހެން ކައުންސިލަރުން ވެސް ޖަވާބު ދޭން އެދެމުންނެވެ. ޖަވާބުގައި ކައުންސިލްގެ ފަރާތުން ޖަވާބު ދެއްވާނީ މޭޔަރު ކަމަށް ޝިފާވަނީ ވިދާޅުވެފައެވެ.

އަދި ޝިފާގެ އެނިންމެވުމާއި ސިޓީ ކައުންސިލްގެ ބައެއް މެންބަރުން ހިތްހަމނުޖެހި ވަޑައިގެން ވާހަކަފުޅު ދައްކަވާފައިވާއިރު، ކައުންސިލަރު މުހައްމަދު ފަޒީން ވަނީ އާންމުންގެ ތެރެއިން މީހެއްގެ މައިކް ބޭނުން ކުރައްވައިގެން ވާހަކަފުޅު ދައްކަވާފައެވެ.

އަދި އެއާއެކު ބައްދަލުވުން ހޫނުވެ، އެންމެ ފަހުން ބައެއް ކައުންސިލަރުން ބައްދަލުވުން ކުރިއަށް ގެންދަން ހުރަސް އެޅުއްވުމުން ރޭގެ އެ ބައްދަލުވުން ނިންމާލެއްވީ ކަމަށް ޝިފާ އިއުލާން ކުރެއްވިއެވެ. އެބައްދަލުވުން ނިންމާލި ފަހުން ވެސް އެ ތަނަށް ޖަމާވި އާންމުންގެ ގިނަ މީހުން ގެންދިޔައީ ހިތްހަމަނުޖެހި ނުރުހުން ފާޅު ކުރަމުންނެވެ.

ބައްދަލުވުމުގައި ވާހަކަ ދެއްކި އާންމު ގިނަ މީހުންގެ މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. މާލޭގައި އިމާރާތް ކުރާ ފްލެޓްތަކުންވެސް މާލެ ރައްޔިތުންނަށް ފުރުސަތު ނުލިބޭ މައްސަލައެވެ.

މާލެ ސިޓީ ކައުންސިލުން އެންމެ ފަހުން ބާއްވަން އުޅުނު ކައުންސިލްގެ ޖަލްސާވެސްވަނީ ކުރިޔަށް ނުގެންދެވިގެން ހުއްޓާލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ