އަފްގާނިސްތާން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އަދި ތޯލިބާނުން އެއްބަސްވެއްޖެ

18 އަހަރުވީ އަފްގާނިސްތާން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އަދި ތޯލިބާނުން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ތޯލިބާނުން މި އެއްބަސްވުން ދަމަހައްޓައިފިނަމަ ކުރިއަށް އޮތް 14 މަސްދުވަހުގެ ތެރޭގައި އެމެރިކާ އަދި ނޭޓޯގެ ސިފައިން އަފްގާނިސްތާނުން ބޭލުމަށް އެމެރިކާއިންވަނީ އެއްބަސްވެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް ވިދާޅުވެފައިވަނީ، އެމެރިކާއިން މިހާތަނަށް ކުރި އެންމެ ދިގު ހަނގުރާމަ ހުއްޓާލައި އެގައުމުގެ ސިފައިން އެނބުރި ގެނައުމުގެ މަސައްކަތް ފެށިފައިވާކަމަށެވެ.

ހަނގުރާމަ ހުއްޓާލުމުގެ މި އެއްބަސްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ގަތަރުގެ ދޯހާގައެވެ. މި ރަސްމިއްޔާތަށް އެމެރިކާގެ ސެކެރެޓަރީ އޮފް ސުޓޭޓް މައިކް ޕޮމްޕިއާ ވަޑައިގެންފައި ވެއެވެ.

މި އެއްބަސްވުމުގައި ވާގޮތުން އަފްގާނިސްތާނުގައި ތޯލިބާނުން ވެރިކަންކުރާ ސަރަހައްދުތަކުގައި އަލްގައިދާފަދަ އެހެނިހެން ޖަމާއަތްތައް ހަރަކާތްތެރިވުމުގެ ފުރުސަތު ތޯލިބާނުން ނުދިނުމަށްވަނީ އެއްބަސްވެފައެވެ.

އެމެރިކާއިން އަފްގާނިސްތާނަށް ހަމަލާ ދީފައިވަނީ އަލްގައިދާގެ ފަރާތްތަކަށް އޭރު އަފްގާނިސްތާނުގެ ވެރިކަމުގައި އޮތް ތޯލިބާނުން ހިމާޔަތާއި ރައްކާތެރިކަން ދޭކަމަށްބުނެ 2001 ވަނަ އަހަރުއެވެ. މި ހަނގުރާމައިގައި އެމެރިކާ ސިފައިންގެ 2،400 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ