އިންގްލިޝް ޕްރިމިއާ ލީގުގައި ލިވަޕޫލްއިން ބަލިނުވެ ހަދަމުންއައި ރެކޯޑު ނިމުމަކަށް އައިސްފިއެވެ.
އަވޭގައި ރޭ ކުޅުނު މެޗުން ލިވަޕޫލް ދަށްވެފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ލިވަޕޫލުން ބޯޅަ ގިނަވަގުތު ގެންގުޅެ ރަނގަޅު ގޭމެއް ޖެއްސިނަމަވެސް ވެޓްފޯޑުގެ ފަރާތުންވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައެވެ. މެޗުގައި ފެނިގެންދިޔަ ތިން ލަނޑުވެސް މެޗުގެ ދެވަނަ ހާފުގައި ފެނިގެންގޮސްފައިވާއިރު ވެޓްފޯޑުގެ މިތިން ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއިލާ ސަރްއާއި ޓްރޯއީ ޑީނޭއެވެ. އިސްމާއިލާ ސަރް ރޭގެ މެޗުގައި ވެޓްފޯޑަށް ދެލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.
ސަރްގެ ފުރަތަމަ ލަނޑު މެޗުގެ 54 ވަނަ މިނަޓްގައި ފެނިގެން ގޮސްފައިވާއިރު، އޭގެ ހަ މިނަޓްފަހުން އޭނާ ކާމިޔާބުކޮށްދިން ދެވަނަ ލަނޑަކީ ޗިޕަކުން ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ. އަދި ވެޓްފޯޑުގެ ތިންވަނަ ލަނޑު މެޗުގެ 72 ވަނަ މިނަޓްގައި ކެޕްޓަން ޑީނޭ ކާމިޔާބުކޮށްދިނީ ކީޕަރު ގޯލްދޫކޮށް ބޯޅައަށް ނުކުތް ވަގުތުއެވެ.

ލިވަޕޫލްގެ ކުޅުންތެރިންގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދައްކާފައިވަނީ ކީޕަރު އެލިސަންއެވެ. އެލިސަންވަނީ ވެޓްފޯޑުގެ ނުރައްކާތެރި ގިނަ ހަމަލާތަކެއް ރޭގެ މެޗުގައި ދިފާޢުކޮށްފައެވެ.
މިއީ މިސީޒަންގެ ޕްރިމިއަ ލީގުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު 18 މެޗުންވެސް ލިވަޕޫލްވަނީ މޮޅުވެފައެވެ. މިއީ 2019 މާރޗްގައި އެވަޓަންއާއި ދެކޮޅަށް ލިވަޕޫލްކުޅެ 0-0 ގެ ނަތީޖާއަކުން އެއްވަރުވިފަހުން ލަނޑެއް ކާމިޔާބުނުކުރެވި ލިވަޕޫލް ނިންމާލި ލީގު ފުރަތަމަ މެޗެވެ. ލިވަޕޫލްވަނީ ޖެހިޖެހިގެން 36 މެޗުގައި ލަނޑު ޖަހާފައެވެ.
ލިވަޕޫލްއިން ރޭ ބަލިވެފައިވާއިރު، އެކްލަބު ވަނީ ޕްރިމިއާ ލީގުގައި ބަލިނުވެ 44 މެޗު ހަމަކޮށްފައެވެ. އާސެނަލް އެއްވެސް މެޗަކުން ބަލިިނުވެ، ލީގު ކާމިޔާބުކުރިގޮތަށް ލީގު ކާމިޔާބުކުރުމުގެ މަގު ލިވަޕޫލަށް މިވަނީ ބަންދުވެފައެވެ. އަދި އާސެނަލްއިން ބަލިނުވެ 49 މެޗު ފުރިހަމަކޮށް ހެދި ރެކޯޑާވެސް މިބައްޔާއެކު ލިވަޕޫލަށް މުގުރާލެވޭގޮތް މިވަނީ ނުވެފައެވެ.
30 އަހަރަށްފަހު ޕްރިމިއާ ތަށި އުފުލާލުމުގެ އުންމީދުގައި ހުރި ލިވަޕޫލް ތާވަލްގެ އެއްވަނާގައި އޮތީ 22 ޕޮއިންޓްގެ ލީޑަކާއެކުގައެވެ. ލިވަޕޫލްގެ ކޯޗު ކްލޮޕް ޤަބޫލުކުރާގޮތުގައި ލިވަޕޫލްގެ މިބައްޔާއެކު، ކުޅުންތެރިންނަށް އޮތް ޕްރެޝަރު ކުޑަވެ، މިނިވަންވާނެއެވެ.
								
											

