މުސްތަޤްބަލުގައި ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި އިންޖީނުލީ އެއްގަމު އުޅަނދުތައް ޕާކް ކުރުމަށް ޚާއްޞަ ޕާކިންގ ޒޯންތަކުގައި ޕާކް ކުރެވޭނީ ފީ ދައްކައިގެން ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޕާކް ކުރާނެ އެކަށޭނަ ޖާގަ ނެތުން ކަމަށާއި، އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ، އެކަން ހައްލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ސަމާއު ޝަރީފް ވިދާޅުވިއެވެ.
ސަމާއު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ ވިސްނުމަކީ ކާރޫބާރު ބޮޑު މާލޭގެ މަގުތަކުގައި ޕާކް ކުރުމުގެ ބަދަލުގައި ޕާކިންގ ޒޯންތައް ހަދާ، އެތަންތަނުގައި ފީ ދައްކައިގެން ޕާކް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުން ކަމަށެވެ.
މި ނިޒާމަކީ ދުނިޔޭގެ އެހެން ޤައުމުތަކުންވެސް ޢަމަލުކުރަމުން އަންނަ ނިޒާމެއްކަން ފާހަކަކުރައްވާ ސަމާއު ވިދާޅުވީ، މާލޭގެ ޕާކިންގ މައްސަލަ ހައްލުކުރުމަށްޓަކައި، މިހާރު ބޭނުން ނުކުރާ ބިންތައް ޕާކިންގ ޒޯންތަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ސިޓީ ކައުންސިލުން ފައްޓަވާފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ވެރިރަށް މާލެއަކީ އެކަށީގެންވާ މިންވަރަށްވުރެ އަބާދީ އިތުރުވެ، އެ ބޮޑު އާބާދީއަށް ބޭނުންވާ ވެހިކަލްތަކުން ފުރި، ޕާކް ކުރުމުގެ ދަތިކަން އިންތިހާއަށް ދިމާވެފައިވާ ރަށެކެވެ.




