ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހަށް އިނގިރޭސިވިލާތުން އިތުރު 12 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
އެޤައުމުން އެންމެފަހުން މިވައިރަހަށް ޓެސްޓްކުރި މީހުންގެ ތެރެއިން 12 މީހަކު މިވައިރަހަށް ޕޮޒިޓިވްވުމާއެކު މިހާރު އެޤައުމުން ކޮރޯނާގެ 35 ކޭސް މިވަނީ ފެނިފައެވެ.
އިނގިރޭސިވިލާތުގެ ޗީފް މެޑިކަލް އޮފިސަރު ވިދާޅުވީ، ވައިރަސް ފެނުނު 12 މީހުންގެ ތެރެއިން 3 މީހަކު ބަލިޖެހިފައިވާ މީހަކާއި ކޮންޓެކްޓްވެފައިވާކަމަށާއި، އަދި އަނެއް 8 މީހުންގެ ތެރެއިން 6 މީހުންނަކީ އިޓަލީއިން އައި މީހުން ކަމަށާއި، އަދި 2 މީހުންނަކީ އިރާނުން އައިމީހުންކަމަށްވެސް ބުނެފައިވެއެވެ. އަދި މިބަލި ޖެހުނު އަނެއް މީހާއަށް ބަލި ޖެހުނީ ކީއްވެގެންކަމެއް އަދި ސާފުނުވާކަމަށާއި މިހުރިހާ އެންމެންވެސް ނިސްބަތްވަނީ ލަންޑަނަށްކަމަށްވެސް އޭނާ ބުންޏެވެ.
އިނގިރޭސިވިލާތުން ފުރަތަމަ ފަހަރަށް މިވައިރަސް ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ކޮރޯނާ ވައިރަސް މިހާރުދަނީ ޔޫރަޕްގައި ހަލުވިކަމާއެކު ފެތުރެމުންނެވެ. އެގޮތުން ޖަރުމަނު، ފްރާންސް ސްޕެއިން އަދި ބެލްޖިއަމްގެ އިތުރުން އިޓަލީއިންވެސްވަނީ މިހާރު މިވައިރަސް ފެނިފައެވެ.



