އަފްގާނިސްތާނުގައި ކުރެވެމުންދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އަދި ތޯލިބާނުން ވެފައިވާ އެއްބަސްވުމުގައި ވާގޮތަށް ތޯލިބާނުންގެ 5،000 ކުށްވެރިން މިނިވަން ނުކުރެވޭނެ ކަމަށް އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގާނީ ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ގަތަރުގައި އެމެރިކާ އަދި ތޯލިބާނުން ވެފައިވާ އެއްބަސްވުމުގެ ދަށުން އަފްގާނިސްތާނު ސިފައިންގެ ހައްޔަރުގައި ތިބި ތޯލިބާނު 5،000 ހަނގުރާމަވެރިން މިނިވަން ކުރަން ޖެހެއެވެ. އަދި މީގެ ބަދަލުގައި ތޯލިބާނުންގެ ހައްޔަރުގައި ތިބި އަފްގާނިސްތާނު ސަރުކާރުގެ 1،000 މީހުން މިނިވަން ކުރާނެއެވެ.
މިކަމާއި ގުޅިގެން އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގާނީ ވިދާޅުވެފައިވަނީ، ކުށްވެރިން މިނިވަން ކުރުމުގެ އެއްވެސް ބާރެއް އެމެރިކާ ސަރުކާރަށް ނޯއްނާނެ ކަމަށާއި ކުށްވެރިން މިނިވަންކުރުމުގެ ނިންމުންތައް ނިންމާނީ އަފްގާނިސްތާނު ސަރުކާރުން ކަމަށެވެ.
އަފްގާނިސްތާނުގެ ބޮޑު ސަރަހައްދެއް ތޯލިބާނުން މިހާރު ކޮންޓުރޯލު ކުރަމުންދާއިރު އަފްގާނިސްތާން ސަރުކާރަށް ހިމާޔަތާއި ރައްކާތެރިކަން ފޮޜު ކޮށްދީ އަފްގާނިސްތާން ސިފައިން ތަމްރީނު ކުރަމުންދަނީ އެމެރިކާ އާއި ނޭޓޯގެ ސިފައިންކަން ފާހަގަ ކޮށްލެވެއެވެ.
އެމެރިކާއާއި އަދި ތޯލިބާނުން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި މިވަނީ ގިނަ ދުވަސްތަކެއްގެ މަޝްވަރާއާއެކުކަން ފާހަގަ ކޮށްލެވެއެވެ.



