ސްޕެނިޝް ލަލީގާއި ރޭ ރެއަލްމެޑްރިޑާއި ބާސެލޯނާ ބައްދަލުކުރި ފޯރިގަަދަ އެލްކްލެސިކޯ މެޗުން މޮޅުވެ ރެއަލްއިން ތާވަލްގެ އެއްވަނައަށް އަލުން އަރައިފިއެވެ.
ބާނަބޯގައި ކުޅެވުނު ފޯރިގަދަ މިމެޗު ރެއަލްމެޑްރިޑުން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފެނިގެންދިޔަ ދެލަނޑުވެސް ފެނިގެންގޮސްފައިވަނީ ދެވަނަ ހާފުގައެވެ. އުމުރުން 19 އަހަރުގެ ވިނިޝިއަސް ޖޫނިއާ މެޗުގެ 71 ވަނަ މިނަޓްގައި ރެއަލްމެޑްރިޑަށް ލީޑު ނަގައިދިންއިރު، ގޯލް އަރިމަތިން ހަނި އޭންގަލްއަކުން ވިނިޝިއަސް ފޮނުވާލި ބޯޅަ ބާސެލޯނާގެ ގޯލަށްވަނީ ބާސެލޯނާގެ ޑިފެންޑަރު ޕީކޭ ފައިގައިޖެހި މިސްރާބު ބަދަލުވުގެންނެވެ.
އަދި ރެއަލް މެޗު ޔަޤީންކޮށްދިން ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މަރިއާނޯއެވެ. މަރިއާނޯ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގައި އޭނާ ލިބުނު ފުރަތަމަ ބޯޅައިންނެވެ. ކުޅެންނުކުމެ 30 ސިކުންތުތެރޭ މަރިއާނޯ ކާމިޔާބުކޮށްދިން މިލަނޑަ ޖަހާފައިވަނީ އޭނާގެ ފުރަތަމަ ޓަޗުންނެވެ. އަދި އެއީ އޭނާގެ ލަލީގާގެ މިސީޒަންގެވެސް ފުރަތަމަ ޓަޗެވެ.

ރެއަލްމެޑިރޑްގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔަ މިމެޗުގައި ލަނޑު ޖަހާނެ އިތުރު ފުރުޞަތުތަކެއް އެޓީމަށް ލިބިގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އިސްކޯ ފޮނުވާލި ދެހަމަލާ ފާހަގަކޮށްލެވެއެވެ. އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ގޯލުގެ ކަނަށް އިސްކޯ ފޮނުވާލި ހަމަލާ، ބާސެލޯނާގެ ކީޕަރު ސްޓެގެން ދިފާޢުކުރިއިރު، ބޮލުން ފޮނުވާލި ހަމަލާ ދިފާޢުކުރީ ކީޕަރާއި ޕީކޭ ގުޅިގެންނެވެ.
ބާސެލޯނާއާ އަލަށް ގުޅުނު މާޓިން ބްރެއިތުވެއިޓްވެސް ރޭގެ މެޗުން ފެނިގެންގޮސްފައިވާއިރު، އޭނާގެ ފަރާތުން ފެނިގެންދިޔަ ހަމަލާ ދިފާޢުކުރީ ރެއަލްގެ ކީޕަރު ކޯޓުއާއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ކޯޗު ޒިދާން ބުނީ، މެޗުން ރެއަލް މޮޅުވުން ޙައްޤުކަމަށާއި، އެހެންނަމަވެސް މިމޮޅާއެކު އެއްވެސްކަމެއް ބަދަލުނުވާކަމަށެވެ. ލީގުގައި އަދިވެސް ބާކީ ގިނަ ދުވަސްތަކެއްއޮތްއިރު، އުނދަގޫ މެޗުތައް އަދިވެސް ކުރިއަށް އޮތްކަމަށް ޒިދާން ބުންޏެވެ.
ރޭގެ މޮޅާއެކު ރެއަލްމެޑްރިޑަށް ތާވަލްގެ އެއްވަނަ ލިބެނީ ވާދަވެރި ބާސެލޯނާއަށްވުރެ 1 ޕޮއިންޓް އިތުރަށް ލިބިގެންނެވެ. ރެއަލްމެޑްރިޑަށް 26 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާއަށް ލިބިފައިވަނީ 55 ޕޮއިންޓެވެ.




