2012 ވަނަ އަހަރުގެ ފެބުރުވަރީ 8 ވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ހިންގާ ދިޔަ ކަންތައްތައް ދައްކުވައިދޭ ބައެއް ފޮޓޯތައް ނުހިމަނާތީ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ރީކޯ މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ކުރައްވާފައިވާ ޓްވީޓަކާއި ގުޅިގެންނެވެ.
2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ވެރިކަން، ރައީސް މުޙައްމަދު ނަޝީދު، 2012 ވަނަ އަހަރުގެ ފެބުރުވަރީ 07 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެން ވަނީ ނިމުމަކަށްއައިސްފައެވެ. ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވާފައިވަނީ ގިނަ ބަޔަކު އެމްޑީޕީގެ ވެރިކަމާއި ދެކޮޅަށް ނިކުމެ ނަޝީދުގެ އިސްތިޢުފާއަށް ގޮވައި، ޖުމްހޫރީ މައިދާނަށް ގިނަ ބަޔަކު އެއްވެ ބޮޑެތި ކަންތައްތަކެއް ހިންގާ ދިއުމާއި ގުޅިގެންނެވެ. މި ކަންތައްގަނޑުގެ ތެރޭގައި ބައެއް ސިފައިންނާއި ފުލުހުންވެސް ވަނީ އޭރުގެ ސަރުކާރާއި ދެކޮޅަށް ތެދުވެފައެވެ.
2012 ފެބުރުވަރީ 07 ވަނަ ދުވަހު ހިނގާދިޔަ ކަންތައްތަކާއި އެކު އެމްޑީގެ ވެރިކަން ނިމުމުން، ޖެހިގެން އައި ފެބުރުވަރީ 08 ވަނަ ދުވަހު އެމްޑީޕީއަށް ސޕޯޓްކުރާ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ވަނީ މާލެއާއި، ރާއްޖޭގެ އެކި ރައްރަށުގައި އެމްޑީޕީގެ ދިފާޢުގައި ދެތުވެފައެވެ.
އެގޮތުން ފެބުރުވަރީ 08 ވަނަ ދުވަހު ރާއްޖެގެ ބައެއް ރަށަރަށުގެ ކޯޓުތަކާއި، ޕޮލިސް ސްޓޭޝަންތަކާއި، ދަޢުލަތުގެ މުދަލަށާއި ތަންތަނުގައި އަލިފާންޖަގާ ބޮޑެތި ގެއްލުންތަކެއްވަނީ ދީފައެވެ.
އެދުވަހު އަލިފާން ރޯކޮށްފައިވާ ބައެއް ތަންތަނުގެ ފޮޓޯ ޓްވީޓް ކުރައްވަމުން ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް ވިދާލުވެފައިވަނީ އެމްޑީޕީގެ ކައުންސިލްތަކަކީ ރައީސް ނަޝީދުގެ ޤައުމިއްޔަތު ފުނޑާލާ ފިކުރައް ބޯލަނބަންޖެހޭ ބައެއް ކަމަށާއި، އެއީ އާންމު ރައްޔިތުންނަށް ގެއްލުންދޭ ފިކުރެއްކަމަށެވެ.
މީގެ އިތުރުން ޖަމީލް ވިދާޅުވެފައިވަނީ ތަރައްޤީ ގެނެސްދިނީ ޕީޕީއެމްގެ ސަރުކާރުން ކަމަށާއި، އިސްރާއީލް އާއި އެއްވަރު ކުރި ރާއްޖެތެރޭ ރައްޔިތުންނަކީ އެމްޑީޕީއަށް މިއަދު ކުއްލިއަކަށް އަގުބޮޑު ބަޔަކަށް ވެއްޖެކަމަށެވެ.
ޖަމީލްގެ މި ވާހަކައަށް ރައްދުދެއްވާ ރީކޯ ވިދާޅުވެފައިވަނީ ވަނީ ޖަމީލްގެ ޓްވީޓްގައި ބައެއްފޮޓޯ މަދުކަމަށެވެ.
"7 ފެބުރުވަރީގައި ފުލުހުންނާއި ސިފައިންގެ މަރުކަޒު ތަޅާ ސުންނާފަތިކޮށް ރައްޔިތުންގެ ގެދޮރަށާއި، ޓީވީ މޯލްޑިވްސްއަށް ޔުނީފޯމް އެޅި ސިފައިންނާއި ފުލުހުން ލައްވާ ކުރިވި ކަންތައްތަކުގެ ފޮޓޯވެސް ލީމަ އަސްލު މަންޒަރުވެސް ފެންނާނީ" އޭރު އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވި ރީކޯ ވިދާޅުވިއެވެ.
ރީކޯ އިތުރަށް ވިދާޅުވެފައިވަނީ ފިލްމުގެ ފަހު ތަޅާލުން އެކަނި ދެއްކީމަ ކަމަކުނުދާނެކަމަށެވެ. ރީކޯއަކީވެސް ފެބުރުވަރީ 8 ވަނަ ދުވަހު ފުލުހުންގެ ފަރާތުން ވަރަށް ބޮޑެތި އަނިޔާ ލިބިފައިވާ މީހެކެވެ.



