ޑާކް ރެއިން އެންޓަޓައިންމެންޓް އިން ގެނެސްދިނުމަށް ހަމަޖެހިފައިވާ ބިރުވެރި ފިލްމް "ބަޅިނދު"ގެ ތަރިންގެ ފުރަތަމަ ފެނިލުން ދައްކާލައިފިއެވެ.
ފިލްމު "ބަޅިނދު"ގެ މުހިންމު ކެރެކްޓަރތައް ކުޅޭ ކާސްޓުންގެ ތެރެއިން، އައިމިނަތު ރަޝްފާ (އާޝާ) ޖުމައްޔިލް ނިމާލް (ޖުމަލް)، އިސްމާޢީލް ޖުމައިހް (ޖުމާ) ، އަދި ސަރާގެ އިތުރުން މުޙައްމަދު ޔުނާން އާއި ހުނޭޝާ އާދަމް ނަސީރުގެ ފުރަތަމަ ފެނިލުން ޕޯސްޓަރުތަކުން ވަނީި ދައްކާލައިފައެވެ.
"ބަޅިނދު"ގެ ކާސްޓުންގެ ޕޯސްޓަރުތަކުގެ ފަހަތުން ފިލްމްގެ ޓީޒާއިން ދައްކާލި، އަރަބި އަދި ދިވެހި އަކުރުން ލިޔެފައިވާ ބޯޑު ފެނިގެންދެއެވެ. ބެލެވޭގޮތުގައި މިއީ ފަންޑިތަ ސިހުރު ހެދުމަށް ތަށި ނުވަތަ ރުފިޔާ ދުއްވުމަށް އަކުރު ޖަހާގޮތަށް ފެނިގެންދާ އެއްޗެކެވެ.
މީގެ އިތުރުން، މި ފިލްމްގެ ޕޯސްޓަރުތަކުގައި، މިއީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެއްކަން ލިޔެފައިވެއެވެ.
ބިރުވެރި ހާދިސާއެއް ފެނިގެންދާނެ މި ފިލްމާކީ ޑާކް ރެއިން އިން އުފައްދާ ދެވާނަ ފީޗާރޑް ބިރުވެރި ފިލްމެވެ. ކުރިން ގެނެސްދީފައިވަނީ ތްރީޑީ “ފަތިސް ހަނދުވަރުގެ ފެށުން”އެވެ.
ޑާކް ރެއިން އިން ޖުމްލަ 4 ފިލްމެއްގެ މަސައްކަތް ގެނެސްދިނުމުގެ މަސައްކަތް މިއަހަރު ފަށާނެކަން މިހާރުވަނީ އިއުލާންކޮށްފައެވެ. އެއީ ފިލްމް “ނޮވެމްބަރ”, “ބަޅިނދު”, “ކައިވެނީގެ އަމާޒް” އަދި “ބައިސާ”އެވެ.
ޑާކް ރެއިން އެންޓަޓެއިންމެންޓްއިން ދެން އެންމެ އަވަހަށް ރިލީޒްކުރާނެ ފިލްމް ”ނޮވެންބަރ” އެވެ. ފިލްމް “ބަޅިނދު” ރިލީޒްކުރާނެ ތާރީޙެއް އަދި ހާމަކޮށްފައެއްނުވެއެވެ









