ކޮވިޑް-19: ބަލި ޖެހުނު މީހުންގެ އަދަދު 90 ހާހުން މައްޗަށް އަރައިފި

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 90000 އަށްވުރެ މައްޗަށް އަރައިފި އެވެ.

އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން މުޅި ދުނިޔެއިން 90923 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 3123 އަށް އަރައިފައެވެ.

ޗައިނާއިން އެކަނި 80151 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެގޮތުން ބަލި ފުރަތަމަ ފެނުނު ޗައިނާގެ ވުހާން ސިޓީއިން 67217 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މިބަލި ޖެހިގެން ޗައިނާއިން 2943 މީހުން މަރުވެފައިވާއިރު ވުހާން ސިޓީން އެކަނިވެސް ވަނީ 2834 މީހުން މަރުވެފައެވެ.

ޗައިނާއިން ބޭރުން އެހެން ގައުމުތަކުން ކޮވިޑް-19 އަށް 10776 މީހުން ޕޮޒިޓިވް ވެފައިވާއިރު 180 މީހުން ވަނީ ދުނިޔޭގެ އެކި ގައުމުތަކުން މަރުވެފައެވެ. ޗައިނާއިން ބޭރުން ދެން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ސައުތު ކޮރެއާ އިންނެވެ. އެގައުމުގައި 34 މީހުން ވަނީ މިބަލި ޖެހިގެން މަރުވެފައެވެ. ކޮވިޑް-19 ޖެހިގެން ޗައިނާ ފިޔަވައި އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީ ގައެވެ. އެގައުމުގައި 52 މީހަކު މަރުވެފައިވާއިރު ޕޮޒިޓިވް ވެފައިވަނީ 2036 މީހުންނެވެ.

ޗައިނާއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 47204 މީހުން ވަނީ ރަނގަޅުވެފައެވެ. އެހެން ގައުމު ތަކުގައި 806 މީހަކު ވަނީ ކޮވިޑް-19 ޖެހުމަށްފަހު ރަނގަޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ