ޗެލްސީ އަދި ބާންލީގެ ބައެއް ކުޅުންތެރިން - ފޮޓޯ: އިވްނިން ސްޓޭންޑާޑް

އީޕީއެލް - ވާދަވެރިން ބަލިވިއިރު ޗެލްސީ އެއްވަރު

ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އަދި ބާންލީ ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރު ވެއްޖެއެވެ.

ވާދަވެރި އާސެނަލް، ޔުނައިޓެޑް އަދި ޓޮޓޭންހާމްވެސް އެދެޓީމު ކުޅުނު މެޗުން ބަލިވި ނަމަވެސް ޗެލްސީއަށް އޭގެ ފައިދާވަނީ ނެގޭގޮތްނުވެފައެވެ. މިތިންޓީމަށްވުރެ އިތުރަށް އެއްމެޗު ކުޅެ 67 ޕޮއިންޓް ޗެލްސީއަށް ލިބޭއިރު ޓޮޓޭންހާމްއަށްވެސް 67 ޕޮއިންޓް ލިބިފައިވެއެވެ. އަދި އާސެނަލްއަށް ލިބިފައިވަނީ 66 ޕޮއިންޓެވެ. 64 ޕޮއިންޓް ޔުނައިޓެޑް ހޯދާފައިވެއެވެ.

މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ފެނިގެންދިޔައީ ފުރަތަމަ 24 މިނަޓްގެ ތެރޭގައެވެ. ފުރަތަމަ ލަނޑު ފެނިގެންދިޔައީ ބާންލީގެ ފަރާތުންނެވެ. މެޗުގެ 8 ވަނަ މިނަޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހެންޑްރިކްއެވެ. އޭގެ ހަތަރު މިނަޓްފަހުން ހަޒާޑު މޮޅު ހުނަރުގެ އެހީގައި ޗެލްސީގެ ކާންޓޭ ލަނޑެންޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.

ޗެލްސީއަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ލިބުނީ 14 ވަނަ މިނަޓްގައި ހިގުއައިން ޖަހައިދިން ލަނޑާއެކުގައެވެ. ވޭތެވިދަޔަ 11 އަހަރު ޔޫރަޕްގެ ޓޮޕް ފަސް ލީގުން ލީގެއްގައި ހިގުއައިން ކުޅެފައިވާއިރު އެއިން ކޮންމެ ސީޒަންއެއްގައިވެސް 10 ނުވަތަ އެއަށްވުރެ އިތުރަށް ހިގުއައިން ލަނޑުޖަހާދީފައިވެއެވެ.

ޗެލްސީއަށް ލިބުނު މިލީޑުގައި ހިފަހައްޓާލެވުނީ އެންމެ 10 މިނަޓްއެވެ. މެޗުގެ 24 ވަނަ މިނަޓްގައި ބާންލީގެ ބާނެސް ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. ގޯލްކައިރިން ބާނެސް ޖެހި މިލަނޑާއެކު އޭނާ މިސީޒަންގައި ޖަހައިދިން ލަނޑުގެ އަދަދު 11 އަށް އެރީއެވެ.

ޗެލްސީގެ ކޯޗު ސާރީ ބެންޗުން ފޮނުވާލަނީ - ފޮޓޯ: ޑެއިލީ އެކްސްޕްރެސް

ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް ޗެލްސީއިން އުފެއްދިނަމަވެސް މެޗުން މޮޅުވެވޭގޮތް ޗެލްސީއަށްވަނީ ނުވެފައެވެ. ޗެލްސީގެ ހަޑްސަން އޮޑޮއި އަދި ކާންޓޭއަށްވަނީ ރޭގެ މެޗުގައި އަނިޔާވެފައެވެ. ޗެލްސީގެ ކޯޗު ސާރީގެ ޝަކުވާ ގިނަވެ ބެންޗުންވަނީ ފޮނުވާލާފައެވެ.

ބާކީ 3 މެޗު އޮތްއިރު ރޭގެ ޑްރޯއާއެކު ރެލިގޭޝަނުން ބާންލީވަނީ ސަލާމަތްވެފައެވެ. 18 ވަނައިގައި އޮތް ކާޑިފްއަށްވުރެ އިތުރަށް 9 ޕޮއިންޓް ބާންލީއަށް ލިބިފައިވާއިރު ފައިދާ 17 ގޯލްއެބައޮތެވެ.

ޗެލްސީއަށް 67 ޕޮއިންޓާއެކު ތާވަލުގެ 4 ވަނަ ލިބުނުނަމަވެސް ފަސްވަނާގައި އޮތް އާސެނަލް މާދަމާ ރޭ ވޯލްވްސްއާ ބައްދަލުކުރާ މެޗުން މޮޅުވެ ތާވަލިގެ 4 ވަނައަށް އެރުމުގެ ފުރުޞަތު އާސެނަލްއަށް އެބައޮތެވެ. ވޯލްވްސް އަދި އާސެނަލް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 11:45 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ