ބާސެލޯނާއަށް ނޫނެކޭ ބުނިކަން ކޯމަން ކަށަވަރުކޮށްދީފި

ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާއަށް ނޫނެކޭ ބުނިކަން ރޮނަލްޑް ކޯމަން ކަށަވަރުކޮށްދީފިއެވެ.

ކޯމަން ބުނިގޮތުގައި ބާސެލޯނާގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވާޑޭގެ ބަދަލުގައި އޭނާ ބާސެލޯނާއަށް ގެންދަން އެކްލަބުން މިދިޔަ ޖެނުއަރީމަހުވަނީ މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް ނެދަލެންޑްގެ ކޯޗަކަށް ހުރި ކޯމަން ބޭނުންވީ ޤައުމީ ޓީމުގައި މަޑުކުރާށެވެ.

"އެއީ ތެދުވާހަކައެއް، ބާސެލޯނާގެ ހުށަހެޅުމެއް ލިބުނު. އެކަމު ޤައުމީ ޓީމުގައި މަޑުކުރަން ވެގެން ނޫނެކޭ ބުނީ." ކޯމަން ބުންޏެވެ.

ކޯމަން ނެދަލެންޑާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2022 ގައެވެ. އެހެންނަމަވެސް ނެދަލެންޑުން ބޭނުންނަމަ މިއަހަރު އޮންނަ ޔޫރޯ ނިމުމަށްފަހު ކޯމަން ބާސެލޯނާއާއި ދިއުމުގެ ފުރުޞަތު ދެވޭނެއެވެ.

މިދިޔަ ޑިސެމްބަރު ދިން އިންޓަރވިއުއެއްގައި ކޯމަން ބުނީ، ނެދަލެންޑާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަދި ދެއަހަރު އެބައޮތްކަމަށާއި، ބާސެލޯނާއާއި ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންނުވާކަމަށެވެ.

ކޯމަން ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ބާސެލޯނާއަށް 192 މެޗު ކުޅެދީފައެވެ. 1989 ން 1995 ކޯމަން ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައި ހޭދަކޮށްފައިވާއިރު، އޭނާވަނީ ބާސެލޯނާއާއެކު ހަތަރު ލަލީގާއާއި އެއް ޔޫރަޕިއަން ކަޕް ކާމިޔާބުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ