ފްރެންޗް ކަޕް - އެމްބާޕޭގެ ހެޓްރިކާއެކު ލިޔޯން ބަލިކޮށް ޕީއެސްޖީ ފައިނަލަށް

ފްރެންޗް ކަޕް ސެމީ ފައިނަލްގައި ރޭ ކުޅުނު މެޗުގައި ކީލިއަން އެމްބާޕޭ ކާމިޔާބުކޮށްދިން ހެޓްރިކާއެކު ލިޔޯން ބަލިކޮށް ޕީއެސްޖީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ލިޔޯން ދަނޑުގައި ކުޅުނު މިމެޗު ފަޞޭހަކަމާއެކު ޕީއެސްޖީއިން ކާމިޔާބުކޮށްފައިވަނީ 1-5 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން މާގިނައިރުތަކެއް ނުވަނީ ލިޔޯންއިންވަނީ ލީޑު ނަގާފައެވެ. 11 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު އެކްލަބަށް ކާމިޔާބުކޮށްދިނީ މާޓިން ޓޭރިއާއެވެ. ޕީއެސްޖީ ޑިފެންޑަރުންގެ ތެރޭގައި ހުރެ ތިރިތިރިން ގޯލުގެ ކަނަށް ފޮނުވާލި ބޯޅައިން ނެގި މިލީޑާއެކު ލިޔޯންއަށް ހަމަނުޖެހެވެނީސް އެމްޕާބޭވަނީ ޕީއެސްޖީއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. 14 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ކޯނަރަކުން ކާޒަވާ ބޮލުންޖެހި ބޯޅައެއް ގޯލްގެ އަރިމަތީ ދަނޑި ކައިރިން ހުރަސްވެގެން ދަނިކޮށް އެމްބާޕޭ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެވަނަ ފަހަރަށް ލީޑު ނަގަން ރަނުގެ ފުރުޞަތެއް ލިޔޯންއަށް ލިބިގެންދިޔަ ނަމަވެސް ޓޭރިއާ އެކަނިމާއެކަނި ބޯޅައާއެކު އަރާ އޭރިއާ ރޮނގުމަތިން ފޮނުވާލި ބޯޅަ ޕީއެސްޖީގެ ކީޕަރު ނާވާސްވަނީ ދިފާޢުކޮށްފައެވެ. މީގެއިތުރުން ނޭމާ ނެގި ހުރަހެއް ވޮލީއަކުން ކަވާނީ ފޮނުވާލާފައިވާއިރު މިހަމަލާ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއާއެވެ.

މިނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމު އެއްވަރުވެގެންނެވެ. ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އޮއިވަރު ބަދަލުވެގެން ދިޔައީ މެޗުގެ 61 ވަނަ މިނަޓްގައ ލިޔޯންގެ ފަނަންޑޯ މާސަލްއަށް ދެއްކި ރަތްކާޑާއެކުގައެވެ. އޭރިއާތެރެއިން ބޯޅައިގެ އަތްލުމުގެ ސަބަބުން ދެއްކި ދެވަނަ ރީނދޫކާޑާއެކު މާސަލް ދަނޑުން ފޮނުވާލިއިރު، އެހާދިސާއާއި ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ނޭމާ ޕީއެސްޖީއަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނެވެ.

އަދި އޭގެ ހަމިނަޓް ފަހުން އެމްބާޕޭ ލިޔޯންގެ ހާފުގެ މެދަ ހިސާބުން ލިބުނު ބޯޅައާއެކު، އޭރިއާ ތެރެއަށްވަދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑުން ޕީއެސްޖީއަށް ލީޑު އިތުރަށް ފުޅާކޮށްދިންއިރު، ޕަބްލޯ ސަރާބިއާވަނީ 81 ވަނަ މިނަޓްގައި ޕީއެސްޖީއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. އެމްބާޕޭގެ ތިންވަނަ ލަނޑު އަދި ޕީއެސްޖީގެ ފަސް ވަނަ ލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ.

މިމޮޅާއެކު މުބާރާތުގެ ފައިނަލަށް ޕީއެސްޖީ އެއްކޮޅުން ދަތުރުކޮށްފައިވާއިރު، ފައިނަލްގައި އަނެއްކޮޅުން ކުޅޭނީ މިރޭ ސަންޓީ ޓިއޭން އާއި ރެންސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ