ށ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ދޭން ފަށައިފިއެވެ.
މިޚިދުމަތް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ފައްޓަވައިދެއްވީ މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިޚިދުމަތް ފަތްޓަވާ ދެއްވުމަށްފަހު ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، ށ،އަތޮޅުގައި ފެއްޓި ދަތުގެ ޚިދުމަތާއެކު، އެޚިދުމަތް ހޯދުމަށް ފުނަދޫގެ އިތުރުން އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް އަދި އެއަތޮޅުގެ ރިޒޯޓުގެ މުވައްޒަފުންނަށްވެސް ފަޞޭހަވެގެން ދާނެކަމަށާއި، ދަތުގެ ފަރުވާ ހޯދަން މާލެއަށް ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް މިޚިދުމަތާއެކު އަންނާނެ ކަމަށެވެ.
ށ.އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން އިފްތިތާހް ކޮށްދެއްވައިފި. @ShaviyaniH pic.twitter.com/ay92vgrMNK
— Ministry of Health (@MoHmv) March 6, 2020
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، ށ.އަތޮޅު ހޮސްޕިޓަލަކީ ރާއްޖޭގެ ނިސްބަތުން އެންމެ ގިނައިން މީހުން ޚިދުމަތް ހޯދުމަށް އަންނަށް އެއް ހޮސްޕިޓަލުކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގެ ތެރޭގައި ށ.އަތޮޅު ހިމެނޭ ސަރަޙައްދަށް ދުމަތްތައް ފޯރުކޮށްދިނުމުގައި ށ.އަތޮޅު ހޮސްޕިޓަލުން ކުރިއެރުންތަކެއް ހޯދާފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަދި އެހޮސްޕިޓަލަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށާއި، އެކަމަށް ހައްލެއް ގެނެއުމުގެގޮތުން ހޮސްޕިޓަލުގެ ޢިމާރާތައް ގެނެވެން ހުރި ބަދަލުތަކަކީ ކޮބައިތޯ ބަލައި، އައު އިމާރާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.
ށ. އަތޮޅަކީ 14،500 އެއްހާ މީހުންގެ އާބާދީއެއް އުޅޭ އަތޮޅެކެވެ. އޭގެތެރެއިން ވެރިރަށް ފުނަދޫގައި ގާތްގަނޑަކަށް 2،632 މީހުން ދިރިއުޅެއެވެ.