ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އާންމު ޖަލްސާ ފަސްކޮށްފިއެވެ.
"ދީނާ ގައުމުގެ ދިފާއުގައި"ގެ ނަމުގައި ހުކުރު ދުވަހު ޖޭޕީ އިން ބޭއްވުމަށް ހަމަޖެހިފައިވާ މިޖަލްސާ ފަސްކޮށްފައިވަނީ މުއްދަތެއް ނެތް ގޮތަށެވެ. ޖޭޕީގެ ބޮޑު ޖަލްސާ މުއްދަތެއް ނެތްގޮތަށް ފަސްކުރަމުން ޖޭޕީއިން ވިދާޅުވީ، މިވަގުތު ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުމަކީ އެހާ ރައްކާތެރިކަމެއް ކަމެއްނޫންކަމަށް ދެކޭކަމަށާއި، އެގޮތުން މިފަދަ ހާލަތްތަކުގައި އެފަދަ އެއްވުންތަކުން ލިބިދާނެ ސިޔާސީ ފައިދާއަކަށްވުރެ ބޮޑަށް ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމާއި ސަލާމަތަށް އިސްކަން ދިނުން އެއީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމަށްވާންޖެހޭނެކަމަށެވެ.
ޖޭޕީއިން ވިދާޅުވީ، ހާލަތު ރަނގަޅުވުމުން ޖަލްސާ ބާއްވާނެ ވަކި ތާރީޚެއް އަނެއްކާވެސް ކަނޑައަޅާނެ ކަމަށެވެ. ޖޭޕީއިން ބޭއްވުމަށް ތައްޔާރުވަމުންދިޔަ ޖަލްސާއަކީ ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމުގެ ގޮތުން ބޭއްވުމަށް ނިންމި ޖަލްސާއެކެވެ.
ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން އެއްވެސް މީހަކު ޕޮޒިޓިވްވެފައެއް ނުވެއެވެ.
ސިއްހީ މާހިރުން ދަނީ ގިނަ ބަޔަކު އެއްވެ އުޅޭ ސަރަހައްދުތަކަށް އެއްނުވުމަށް އިލްތިމާސްކުރަމުންނެވެ. އަދި ކުރިއަށް އޮތީ ލޯކަލް ކައުންސިލު އިންތިހާބަށް މިކަމުގެ އަސަރުކުރާނެތީ ގިނަ ބަޔަކު ދަނީ އިންތިހާބު ފަސް ކުރުމަށް ވެސް ގޮވާލަމުންނެވެ.
އެހެންނަމަވެސް މިވައިރަހާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރަން އަދި ނިންމާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދުވަނީ ވިދާޅުވެފައެވެ.




