ސްޕެނިޝް ލަލީގާގައި ރޭ ރެއަލް ސޮސިޑޭޑްއާއި ދެކޮޅަށް ކުޅެ ލިބުނު ހަނިމޮޅަކާއެކު ބާސާ ތާވަލްގެ އެއްވަނައަށް އަރައިފިއެވެ.
ކޭމްޕްނޯގައި ކުޅެވުނު މިމެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބުކޮށްދިން ލަނޑެކެވެ. 81 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ރެއަލް ސޮސިޑޭޑްގެ ޑިފެންޑަރު ނޯމަންޑްގެ އަތުގައި ބޯޅައިން ޖެހުމުން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. ރެފްރީ މިޕެނަލްޓީ ދީފައިވަނީ ވީއޭއާރު ބެލުމަށްފަހުގައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ކީކޭ ބުނީ، ރެއަލްސޮސިޑޭޑްއަކީ ވަރުގަދަ ޓީމެއްކަމަށާއި، ރޭ މެޗަށް ނުކުތީވެސް އެކަން އެނގިހުރެކަމަށެވެ. ކޮޕަޑެލްރޭ ފައިނަލްއަށް ގޮސްފައިވާ އެޓީމުގައި ވަރުގަދަ މޮޅު ކުޅުންތެރިންވެސް ހިމެނޭކަމަށް ކީކޭ ބުންޏެވެ.
މީގެއިތުރުން ކީކޭ ބުނީ، ބާސެލޯނާއިން މެޗު ކޮންޓްރޯލް ކުރެވޭތޯ މަސައްކަތްކުރިކަމަށާއި، ނަމަވެސް އެކަން ވީ ވަރަށް އުނދަގޫކަމެއްކަމަށެވެ. އަދި ކުރިއަށްއޮތްތާ ބޮޑުތަނުން ބާސެލޯނާގެ ކުޅުން ރަނގަޅު ކުރަންޖެހޭކަމަށްވެސް ކޯޗު ބުންޏެވެ.
ރޭގެ މޮޅާއެކު ބާސެލޯނާއަށް ތާވަލްގެ އެއްވަނަ ލިބެނީ ރެއަލްމެޑްރިޑަށްވުރެ އެއްމެޗު އިތުރަށް ކުޅެގެންނެވެ. 27 މެޗުން ލިބުނު 58 ޕޮއިންޓާއެކު ބާސާއަށް އެއްވަނަ ލިބޭއިރު، ރެއަލްއަށް 26 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ.\
މިރޭ ރެއަލްބެޓިސްއާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުޞަތު ރެއަލްމެޑްރިޑަށް އޮތްއިރު، ބެނީޓޯ ވިއަމަރިން ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ އެމެޗު ފަށާނީ މިރޭ 01:00 ގައެވެ.




