ސްޕެނިޝް ލަލީގާގައި ރޭ ރެއަލްބެޓިސްއާއި ދެކޮޅަށް ކުޅުނު މެޗުން ދަށްވެ، ލަލީގާ ތާވަލްގެ އެއްވަނަ އަށް އަލުން އަރަން ލިބުނު ފުރުޞަތު ރެއަލްމެޑްރިޑުން ނަގާލައިފިއެވެ.
އަވޭގައި ރޭ ކުޅުނު މެޗުން ރެއަލްމެޑްރިޑް ދަށްވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ރެއަލްގެ ފަރާތުން ފުލުފުލުގައި ހަމަލާތަކެއް ފެނިގެންދިޔަނަމަވެސް، މެޗުގެ 28 ވަނަ މިނަޓްގައި ލަނޑުޖަހާނެ ހުސް ފުރުޞަތެއް ރެއަލްބެޓިސްއަށް ލިބިގެން ދިޔައެވެ. ނަމަވެސް ގޯލުކުރިމަތިން ބޮލުން ފޮނުވާލި މިހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އޭގެފަހުން ރެއަލްބެޓިސްގެ ފެކީރް ފޮނުވާލި ހޫނު ހަމަލާއެއް ރެއަލްގެ ކީޕަރު ކޯޓުއާ ދިފާޢުކޮށްފައިވެއެވެ.
ރެއަލްބެޓިސްއިން ކުރަމުން އައި މަސައްކަތުން މެޗުގެ ފުރަތަމަ ލަނޑު އެޓީމުން ކާމިޔާބުކުރިއެވެ. 40 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ސިޑްނެއި ކާމިޔާބުކޮށްދިން ލަނޑެކެވެ.
ރެއަލްމެޑްރިޑުން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ބެންޒެމާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިޕެނަލްޓީއަކީ މާސެލޯއަށް ރެއަލްބެޓިސްގެ ލަނޑު ކާމިޔާބުކޮށްދިން ސިޑްނެއިކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
ދެވަނަ ހާފުގައި ރެއަލްމެޑްރިޑުން އިތުރަށް ނުރައްކާކޮށްފައިވާއިރު މޮޑްރިޗްގެ ހޫނު ހަމަލާއެއް ރެއަލްބެޓިސްގެ ކީޕަރު ރޮބެލްސް ދިފާޢުކޮށްފައިވެއެވެ. މެންޑީގެ ހަމަލާއެއް ރެއަލްބެޓިސް ގޯލްގެ މަތީ ދަނޑިއާވެސްވަނީ އަމާޒުވެފައެވެ.
ދެވަނަ ފަހަރަށް ލީޑު ނަގަން ރެއަލްބެޓިސްއަށް ލިބުނު ފުރުޞަތުގައި ކޯޓުއާ ކަޓުވާލުމަށްފަހު ފެކީރް ހުރަސްކޮށްދިން ބޯޅަ ދިފާޢުކުރީ މޮޑްރިޗެވެ. މީގެއިތުރުން ފެކީރް އަރިމަތިން ފޮނުވާލި ހަމަލާއެއް ކޯޓުއާވަނީ ދިފާޢުކޮށްފައެވެ.
ރެއަލްމެޑްރިޑް ޙައިރާން ކޮށްލުމަށް ދެވަނަ ފަހަރަށް ރެއަލްބެޓިސްއިން ލީޑު ނެގީ މެޗުގެ 82 ވަނަ މިނަޓްގައެވެ. ރެއަލްމެޑްރިޑަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ރެއަލްބެޓިސްއަށް މިލަނޑު ކާމިޔާބުކޮށްދިނީ ކްރިން ބާސެލޯނާއަށް ކުޅުނު ކްރިސްޓިއަން ޓެލޯއެވެ.

މިބައްޔާއެކު ރެއަލްމެޑްރިޑަށް 27 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ. ތާވަލްގެ ދެވަނާގައި ރެއަލްމެޑްރިޑް އޮތްއިރު ބާސެލޯނާ އެއްވަނާގައި އޮތީ ދެޕޮއިންޓްގެ ލީޑަކާއެކުގައެވެ. 27 މެޗުން ބާސެލޯނާވަނީ 58 ޕޮއިންޓް ހޯދާފައެވެ.



