މެންޗެސްޓާ ޑާބީން ދަށްވެ، ގާޑިއޯލާއަށް ބަލިވުމުގެ ރެކޯޑެއް

އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާރ ޔުނައިޓެޑާއި މެންޗެސްޓާރ ސިޓީ ބައްދަލުކުރި މެންޗެސްޓާރ ޑާބީ މެޗުން ބަލިވެ، ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅުނު ޓީމެއް ސީޒަނެއްގައި މިހާތަނަށް އެންމެ ގިނަ ލީގު ބައްޔާއި ކުރިމަތި ލާން ޖެހިއްޖެއެވެ.

ރޭގެ ބައްޔަކީ މިސީޒަންގެ ޕްރިމިއާ ލީގުގައި ސިޓީ ބަލިވި 7 ވަނަ ބައްޔެވެ. މީގެކުރިން ބާސެލޯނާއަށާއި ބަޔާން މިއުނިކަށް ކޯޗުކޮށްދީފައިވާ ގާޑިއޯލާގެ އިރުޝާދުގެ ދަށުން އެއް ސީޒަނެއްގައި މިހާގިނަ ލީގު މެޗުން މިއިން އެއްވެސް ޓީމެއް ބަލިވެފައެއް ނުވެއެވެ.

އޯލްޑް ޓްރެފޯޑުގައި ކުޅުނު މިމެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.

ބޯޅަ ގިނަވަގުތު ގެންގުޅެ، މޮޅު ކުޅުމެއް ރޭގެ މެޗުގައި ސިޓީއިން ދެއްކިނަމަވެސް ސުން ކަނޑުވާލެވޭގޮތްވަނީ ނުވެފައެވެ.

މެޗުގެ ފުރަތަމަ ލަނޑު 30 ވަނަ މިނަޓްގައި ފެނިގެންގޮސްފައިވާއިރު، ޔުނައިޓެޑަށް މާޝިއާލް މިލަނޑު ކާމިޔާބުކޮށްދިނީ ހިލޭ ޖެހުމަކުން ފާނަންޑޭޒް އެއްލި ބޯޅައެއްގައެވެ. ޔުނައިޓެޑްގެ ދެވަނަ ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. ސިޓީގެ ކީޕަރު އެޑަސަންއަށް ދިން ޕާހެއް ސިޓީގެ އެއްވެސް ކުޅުންތެރިއަކަށް ނުލިބި ޔުނައިޓެޑުގެ ޓޮމިނޭއަށް ލިބިފައިވާއިރު، ހާފުގެ މެދަކާ ހިސާބުން އެއްބުރުން އޭނާ ފޮނުވާލި ހަމަލާ ވަދެގެން ދިޔައީ ހުހަށް އޮތް ގޯލްގެ ތެރެއަށެވެ.

ރޭގެ މޮޅާއެކު ޕްރިމިއާ ލީގު މިސީޒަންގައި ސިޓީއާއި ދެކޮޅަށް ކުޅުނު ދެމެޗުންވެސް ޔުނައިޓެޑްވަނީ މޮޅުވެފައެވެ. އެއް ސީޒަންގައި ކުޅުނު ލީގު ދެމެޗުންވެސް ސިޓީގެ މައްޗަށް ޔުނައިޓެޑަށް ކުރި ހޯދިފައިވަނީ މީގެ 10 އަހަރު ކުރިންނެވެ. އެއީ 2009/10 ސީޒަންގައެވެ. އޭރު ޔުނައިޓެޑްގެ ކޯޗަކީ ފާގަސަންއެވެ.

ރޭގެ މޮޅާއެކު ޔުނައިޓެޑުން ތާވަލްގެ ފަސް ވަނައަށް ޖެހިލާފައިވާއިރު، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ފުރުޞަތު ޔުނައިޓެޑަށް މިވަނީ ފަހިވެފައެވެ. މިފަހަކަށް އައިސް ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު 10 މެޗުންވެސް ބަލިވެފައެއްނުވެއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ސިޓީ އޮތީ ތާވަލްގެ ދެވަނާގައެވެ. އެއްވަނާގައި ލިވަޕޫލް އޮތީ 25 ޕޮއިންޓްގެ ލީޑަކާއެކުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ