ނިހާނުއާ ޕީޕީއެމްއާ ދޭތެރޭ އެއްވެސް މައްސަލައެއް ނުޖެހޭ - އަދުރޭ

ރައްޔިތުން މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު، އަދި ކުރީގެ ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު، ޕީޕީއެމް ދޫކޮށް ޕީއެންސީއަށް ވަޑައިގަތީ، އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށް ޕީއެންސީ ވަގުތީ ލީޑަރު ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބު ނިމުމާއެކު، އިދިކޮޅު ކޯލިޝަނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވި އިރު، އެ ނާކާމިޔާބީއަކީ ލީޑަރޝިޕް ފެއިލްވެގެން ދިމާވި ކަމެއް ކަމަށް ވިދާޅުވެ ނިހާން ވަނީ ޕީޕީއެމްގެ ލީޑަރުންގެ އިސްތިއުފާއަށް ގޮވާލައްވާފައެވެ.

މުޅިން އާ ލީޑާޝިޕަކަށް ފުރުސަތު ދޭން ޖެހޭ ކަމަށް ނިހާން ގޮވާލާފައިވާ އިރު، ޕީޕީއެމްގެ ލީޑާޝިޕަށް ވަނީ ބޮޑެތި ބަދަލުތަކެއްވެސް ގެނެސްފައެވެ. އެގޮތުން ނައިބު ލީޑަރުންގެ ގޮތުން މުޅިން އާ ތިން ބޭފުޅަކު ހަމަޖައްސާފައިވާ އިރު، ނިހާން ވަނީ ޕީޕީއެމް ދޫކޮށް، ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

އަދުރޭ މިއަދު ވިދާޅުވީ އަދިވެސް ދެ ޕާޓީގެ ވިސްނުމަކީ އެއް ވިސްނުމެއް ކަމަށާއި، ދެޕާޓީންވެސް ކުރިއަށް ދަނީ އެއް އަމާޒަކަށް ކަމަށެވެ. އަދި ދެ ޕާޓީއަކީވެސް ރައީސް ޔާމީންގެ ވިސްނުންފުޅާ އެއްގޮތަށް ހިންގާ ދެ ޕާޓީކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމް ދޫކޮށް ނިހާން ދިޔައީ، ސިޔާސީ ގޮތުން ޕީއެންސީއާއެކު ކުރިއަށް ދިޔުމަށް ނިހާނަށް ދިން ދައުވަތަކަށް ކަމަށްވެސް އަދުރޭ ވިދާޅުވިއިރު، ދެ ޕާޓީވެސް މަސައްކަތް ކުރާނީ ރައީސް ޔާމީނާ އެކުގައި ކަމަށާއި، ޕީޕީއެމްގެ ލީޑާޝިޕްގައި މިހާރު ތިބި ފަރާތްތަކަކަކީވެސް ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅުން ކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.

އިތުރަށް އަދުރޭ ވިދާޅުވީ، ދެ ޕާޓީގެ ލީޑަރޝިޕްގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށާއި، ދެ ޕާޓީގެ ލީޑަރުންވެސް ތިއްބެވީ ވަރަށް ބަދަހިކަމާއެކުގައި ކަމަށެވެ.

ޕީޕީއެމްއިން ވަކިވެ، ނިހާން ވިދާޅުވީ ސިޔާސީ ގޮތުން ކުރިމަގު އޮތީ ޕީއެންސީއާ އެކުގައި ކަމަށާއި، ޕީޕީއެމްއާއެކު މުސްތަގުބަލެއް ނެތް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ