ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލް - ފޮޓޯ: އަވަސް

މުވައްޒަފުން ގޭގައި މަސައްކަތް ކުރެވޭނެ ޕްލޭނެއް އެކުލާވަލަނީ

ކޮވިޑް-19ގައި އައިސްދާނެ ޙާލަތަކަށް ދުރާލައި ތައްޔާރުވުމުގެ ގޮތުން، ގޭގައި ތިބެގެންވެސް އައިޓީ އާއި ގުޅުންހުރި މަސައްކަތްކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއިން ފަށައިފިއެވެ.

އެމިނިސްޓްރީ އިސްނަގައިގެން މިއަދު ވަނީ އެކި މިނިސްޓްރީތަކާއި އިދާރާތަކުގެ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ޑިޕާޓްމަންޓުގެ އިސްވެރިންނާ އެކު ބައްދަލުވުމެއް ބާއްވައިފައެވެ.

މިފަދަ ވަގުތަކީ މިނިސްޓްރީގެ ވިސްނުމާއި އެއްގޮތަށް، ހުރިހާ އިދާއިރާއެއްގެ އައިޓީ މަސައްކަތްއެއް އެއް ވިއުގައެއްގެ ތެރެއަށް ގެނައުމަށް ލިބުނު މުހިންމު ފުރުސަތެއްކަމަށްވެސް މިބައްދަލުވުމުގައި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މަލީޙް ޖަމާލު ވިދާޅުވިއެވެ.

އަދި މަލީޙް ވިދާޅުވީ، އިމަޖެންސީ ނުވަތަ ކާރިސާ ހާލަތެއްގައި ވެސް ގައުމު ހުއްޓުމަކަށް ނައިސް، މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން ކެބިނެޓުގައި މަޝްވަރާތައް ކުރެވިފައިވާކަމަށެވެ.

މީގެއިތުރުން ކޮވިޑް-19އާއި ގުޅިގެން ކޮމިއުނިކޭޝަން މިނިސްޓްރީއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ފިޒިކަލް ކޮންޓެކްޓް މަދުކުރުމަށް ފިންގަރ ޕްރިޓް މެޝިންތަކުގެ ބަދަލުގައި، ކާޑް ރީޑުކޮށްގެން އެޓެންޑެންސް އެޅޭނެ އިންތިޒާމް ދަނީ ހަމަޖައްސަމުންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން މަލީޙް ވިދާޅުވީ، ޙާލަތު ގޯސްވެއްޖެނަމަ މާބަނޑުމީހުންނާއި، އުމުރުންދުވަސްވީ މީހުން މަސައްކަތްތަށް ނުނިކުމެ ގޭގައި ތިބެން ޖެހިދާނެކަމަށާއި، އަދި އެމީހުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް ތައްޔާރުވަމުންދާކަމަށެވެ. އަދި އެންމެ ގޯސް ޙާލަތުގައިވެސް ޚިދުމަތްތައް މެދު ނުކެނޑި އާއްމުންނަށް ފޯރުކޮށްދެވޭނެ ގޮތަށް މިނިސްޓްރީގެ ވިސްނުންހުރިކަންވެސް މަލީހު ވަނީ ފާހަގަކުރައްވާފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިންވެސް ފެނިފައިވާއިރު، މިހާތަނަށް 4 މީހަކު މިވައިރަހަށްވަނީ ޕޮޒިޓިވް ވެފައެވެ. އެ 4 އެންމެންނަކީވެސް ބޭރު މީހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ