ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 އިން އެންމެ ފަހުގެ ރަނަރސްއަޕް ޓޮޓޭންހާމް ކަޓުވާލުމަށްފަހު ޖަަރުމަނުގެ ލެއިޕްޒިގް މުބާރާތުގެ ކުއާޓާރ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރެޑްބުލް އެރީނާގައި ރޭ ކުޅެވުނު ދެވަނަ ލެގު ލެއިޕްޒިގުން ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
ލެއިޕްޒިގްގެ ފަރާތުން ވަރުގަދަ މޮޅު ކުޅުމެއް ޚާއްސަކޮށް ފުރަތަމަ ހާފުގައި ފެނިގެން ގޮސްފައިވާއިރު، ފުރަތަމަ ހާފުގެ ކުރީ ކޮޅު ލެއިޕްޒިގުންވަނީ ދެލަނޑު ޖަހާފައެވެ. 10 ވަނަ މިނަޓްގައާއި 21 ވަނަ މިނަޓްގައި ފެނިގެންދިޔަ މިދެލަނޑު އެކްލަބަށް ކާމިޔާބުކޮށްދީފައިވަނީ މާސެލް ސަބިޓްޒާއެވެ.
ލަނޑެއްޖަހައި ގޭމްގެ ތެރެއަށް ވަންނަން ޓޮޓޭންހާމްއިން ކުރަމުން އައި މަސައްކަތް އިތުރަށް ބުރަވެގެން ދިޔައީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެމިލް ފޯސްބާގު ކާމިޔާބުކުރި ލަނޑާއެކުގައެވެ. މެޗުގެ 87 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ފޯސްބާގު ކުޅެން ނުކުމެ ފުރަތަމަ ޓަޗުން ކާމިޔާބުކުރި ލަނޑެކެވެ.
މިމެޗުގެ ފުރަތަމަ ލެގުވެސް ލެއިޕްޒިގުން ކާމިޔާބުކޮށްފައިވާއިރު، ޓޮޓޭންހާމް ދަނޑުގައި ކުޅުނު އެމެޗު ލެއިޕްޒިގުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން ލެއިޕްޒިގް ކުއާޓާއަށް ދަތުރުކޮށްފައިވަނީ އެގްރިގޭޓް 4-0 ގެ ނަތީޖާއަކުންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ލެއިޕްޒިގްގެ ކޯޗު ޖޫލިއަން ނަގެލްސްމަން ބުނީ، މިއީ މެނޭޖަރެއްގެ ޙަޔާތުގައާއި އޭނާއަށް ލިބުނު ބޮޑު ކާމިޔާބެއްކަމަށާއި، ލެއިޕްޒިގްގެ ޙަޔާތުގައިވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ.




