ކޮވިޑް-19 ގެ ބިރާއެކު ސިޓީއާއި އާސެނަލް ބައްދަލުކުރާ މެޗު ފަސްކޮށްފި

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) ގެ ބިރާއެކު މެންޗެސްޓާރ ސިޓީއާއި އާސެނަލް ބައްދަލުކުރާ މެޗު ފަސްކޮށްފިއެވެ.

ޕްރިމިއާ ލީގުގައި މިދެޓީމު ބައްދަލުކުރާ ފޯރިގަދަ މެޗު ކުޅުމަށް ހަމަޖެހިފައިއޮތީ މިރޭ 12:30 ގައެވެ. އެހެންނަމަވެސް ކޮވިޑް-19 ގެ ބިރާއެކު މިމެޗު މިހަރު ފަސްކޮށްފައިވާއިރު، މިމެޗު އަލުން ކުޅޭނެ ދުވަހެއް އަދި ނިންމާފައެއް ނުވެއެވެ.

"ނޮޓިންހާމްގެ ވެރިޔާ އިވަންގެލޯސް މަރިނަކިސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ލިބުނު ޚަބަރާއެކު، މެންޗެސްޓާރ ސިޓީއާއި އާސެނަލް ޕްރިމިއާ ލީގުގައި މިރޭ ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗު ފަސްކޮށްފިން." ޕްރިމިއާ ލީގުގެން ނެރެފައިވާ ބަޔާނެއްގައި ވެއެވެ.

މީގެ 13 ދުވަސްކުރިން އޮލިމްޕިއާ ކޯސްއާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު ބަލަން އިވަންގެލޯސް މަރިނަކިސް ޙާޟިރުވެފައިވާއިރު، އޭނާވަނީ އާސެނަލްގެ ބައެއް ކުޅުންތެރިންގެ އިތުރުން އެކްލަބުގެ ސްޓާފުންނާއިވެސް ބައްދަލުވެފައެވެ.

އެހެންކަމުން މިހާދިސާއާއި ގުޅިގެން މެޑިކަލް ޓީމުގެ ލަފަޔާއާއެކު މިމެޗު ފަސްކުރަން ނިންމީކަމަށް ޕްރިމިއާ ލީގުން ބުނެއެވެ. ސިޓީ އަދި އާސެނަލް ބައްދުކުރުމަށް ހަމަޖެހިފައިވާ މެޗު ފަސްކުރިނަމަވެސް އިތުރު އެހެން މެޗެއް ފަސްކުރުމުގެ ޚިޔާލެއް ނުގެންގުޅޭކަމަށްވެސް ޕްރިމިއާ ލީގުން ބުންޏެވެ.

އާސެނަލްއިން އަންގާރަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އާސެނަލްގެ ސްޓޭފެއްގެވެސް އަދި ކުޅުންތެރިއެއްގެވެސް ފަރާތުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތެއް ފެނިފައިނުވާކަމަށާއި، އެހެންނަމަވެސް ބައެއް ކުޅުންތެރިންނާއި ސްޓާފުން އަމިއްލަ ގޭގައި އައިސޮލޭޓް ވެފައިވާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ