ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ލެގުންވެސް މޮޅުވެ، ޗެމްޕިއަން ލިވަޕޫލް ކަޓުވާލައި އެތުލެޓިކޯ ކުއާޓާރ ފައިނަލަށް ދަތުރުކޮށްފިއެވެ.
އެންފީލްޑްގައި ރޭ ކުޅެވުނު ދެވަނަ ލެގު ފެށުމާއެކު އެތުލެޓިކޯއިން ބެލީ ފުރަތަމަ ލެގުގައި ލިބުނު ލީޑު ހިފެހެއްޓުމަށެވެ. އެގޮތުން އެތުލެޓިކޯއިން ކުޅުނީ ވަރަށް ޑިފެންސިވް ގޭމެކެވެ.
އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލްއިން ވަރުގަދަ މޮޅު ކުޅުމެއް ރޭ ގެ މެޗުގައި ދައްކާފައިވާއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހައި އެގްރިގޭޓް ނަތީޖާ ހަމަހަމަކުރިއެވެ. 43 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ޗެމްބަލިންގެ ހުރަހަކުން ވައިނަލްޑަމް ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑާއެކު ލިވަޕޫލަށް އިތުރު ހިތްވަރެއް ލިބިގެންދިޔައެވެ.
ފުރަތަމަ ހާފެކޭ އެއް ގޮތަށް ދެވަނަ ހާފުގައިވެސް އެތުލެޓިކޯއިން ޑިފެންސް ކުރިއިރު، ލިވަޕޫލުން ބެލީ ލަނޑެއް ޖަހައި ލީޑު އިތުރަށް ފުޅާ ކުރެވޭތޯއެވެ. އެގޮތުން ފުލުފުލުގައި ލިވަޕޫލްއިން ހަމަލާތައް އުފައްދާފައިވާއިރު، ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތުތަކެއްވެސްވަނީ ލިބިގެން ގޮސްފައެވެ.
އެހެންނަމަވެސް އެތުލެޓިކޯގެ ކީޕަރު އޮބްލަކްވަނީ ރޭގެ މެޗުގައި މޮޅުގައި މޮޅު ކުޅުމެއް ދައްކައި ލިވަޕޫލްގެ ގިނަ ހަމަލާތަކެއް ދިފާޢުކޮށްފައެވެ.

އިތުރު ލަނޑެއް ނުފެނު މިނަތީޖައާއެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ނަތީޖާ ނެރުމަށް 15 މިނަޓްގެ އިތުރު ވަގުތުގެ ދެހާފުގެ ކުޅުން ފެއްޓުނެވެ. އިތުރުވަގުތުގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ފިރްމީނޯ ލަނޑެއް ޖަހައި ލިވަޕޫލަށް ހިނިތުންވުން ގެނެސްދިނެވެ. ވައިނަލްޑަމް އަރިމަތިން ހުރަސްކޮށްދިން ބޯޅަ ފިރްމީނޯ ފޮނުވާލި ވަގުތު އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއާއެވެ. އަދި ދަނޑީގައި ޖެހުމަށްފަހު ދެވަނަ ފަރަހަށް ލިބުނު ބޯޅަ ފިރްމީނޯވަނީ ހުސްކޮށް އޮތް ގޯލްތެރެއަށް ފޮނުވާލާފައެވެ.

މިލަނޑާއެކު ލިވަޕޫލަށް ހަމަޖެހިލެވުނީކަމަށް ހީކުރެވުނުނަމަވެސް ކަންވީ އެހެނެއްނޫނެވެ. އޭގެ ތިން މިނަޓް ފަހުން ލިވަޕޫލްގެ ކީޕަރު އެޑްރިއާންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މާކޮސް ލޮރެންޓޭވަނީ ލަނޑެއް ކާމިޔާބުކޮށް އެތުލެޓިކޯއަށް މުޅިން އާ ހިިތްވަރެއް ގެނެސްދީފައެވެ. ސާފުކޮށްލަން ކީޕަރު އެޑްރިއަންއަށް ދިން ބޯޅަ މާރަނގަޅަށް ފޮނުވާނުލެވުމުން ލިބުނީ އެތުލެޓިކޯގެ ޒުވާން ފީލިކްސްއަށެވެ. އަދި ފީލިކްސް ކޮންޓްރޯލް ކުރުމަށްފަހު އެޑްރިއަށް ދިން ޕާހުން އޭނާ ބޯޅަ ފޮނުވާލީ ކީޕަރުގެ އަރިމަތިން ގޯލްގެ ތެރެއަށެވެ.
އެތުލެޓިކޯގެ މިލަނޑަށްފަހުވެސް ލިވަޕޫލުން އައީ އަލުން ލީޑު ނެގުމަށް ވަރަށް މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް އެތުލެޓިކޯއިން އަނެއްކާވެސް ލަނޑެއްޖަހައި ލިވަޕޫލްއިން ކުރަމުން އައި މަސައްކަތް ދެގުނަ ކޮށްލިއެވެ. މިލަނޑު އެތުލެޓިކޯއަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން މާކޮސް ލޮރެންޓޭ އެވެ. ރޭގެ މެޗުގައި ލޮރެންޓޭ ކުޅެން ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. 56 ވަނަ މިނަޓްގައި ޑިއޭގޯ ކޯސްޓާގެ ބަދަލުގައެވެ.
އެތުލެޓިކޯއިން މެޗުން ނިންމާލީ އެންމެ ފަހު ވަގުތުގައި އަލްވާރޯ މޮރާޓާ ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. މިލަނޑާއެކު ރޭ ކުޅުނު މެޗުން އެތުލެޓިކޯ މޮޅުވީ 2-3 ގެ ނަތީޖާއަކުންނެވެ. އަދި ކުއާޓާރއަށް ދަތުރުކުރީ އެގްރިގޭޓް 2-4 ގެ ނަތީޖާއަކުންނެވެ.




