ލާލީގާގައި ރޭ އަލްވެސް 0-2 ގެ ނަތީޖާއަކުން ބަލިކޮށް ބާސާ މިވަނީ ތައްޓާ ވަރަށް ގާތަށް ޖެހިލައިފައެވެ. ބާސާ ތާވަލުގެ އެއްވަނާގައި އޮތީ ދެވަނާގައި އޮތް އެތުލެޓިކޯއަށްވުރެ 12 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.
ކެޕްޓަން ލިއޮނަލް މެސީ ނުހިމަނައި ކުޅުނު މިމެޗުގެ ދެލަނޑުވެސް ފެނިފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު މެޗުގެ 54 ވަނަ މިނަޓްގައި ފެނިގެންދިޔައީ ބާސާގެ މެދުތެރެއަށްކުޅޭ އަލެނާގެ ފަރާތުންނެވެ. އަދި ދެވަނަ ލަނޑަކީ އޭގެ ހަމިނަޓް ފަހުން ލިބުނު ޕެނަލްޓީއަކުން ސުއަރޭޒް ކާމިޔާބުކޮށްދިން ލަނޑެވެ. މިއީ މިސީޒަންގައި (ލަލީގާ) ސުއަރޭޒް ބާސާއަށް ޖަހައިދިން 22 ވަނަ ލަނޑެވެ.
މިސީޒަންގެ ލަލީގާ ކަށަވަރުކުރަން ބާސާއަށް މިހާރު ބޭނުންވަނީ މިހާރު އެންމެ 3 ޕޮއިންޓެވެ. މިތިން ޕޮއިންޓާގެ ބާސާއަށް ޖުމްލަ 83 ޕޮއިންޓް ލިބޭއިރު ދެވަނާގައި އޮތް އެތުލެޓިކޯއަށްވެސް ބާކީއޮތް ފަސް މެޗުން މޮޅުވެ 83 ޕޮއިންޓް ކަށަވަރު ކުރެވޭނެއެވެ. އެހެންނަމަވެސް ބާސާގެ ފައިދާ ގޯލް މިހާރުވެސް އުޅެނީ 53 ގައެވެ. އަދި އެތުލެޓިކޯ އަތުގައި އޮތީ ފައިދާ 27 ގޯލެވެ. އެތުލެޓިކޯއަށް ބާކީ ފަސް މެޗުއޮތްއިރު ފައިދާ ގޯލުން އެތުލެޓިކޯއަށް ބާސާ ފަހަތަށް ޖައްސާލެވޭނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
އެތުލެޓިކޯގެ މެޗެއް މިރޭ ވެލެންސިއާއާއި ދެކޮޅަށް ކުޅެވޭއިރު އެމެޗުން އެތުލެޓިކޯ ބަލިވެއްޖެނަމަ ކުރިންބުނި ފައިދާ ގޯލާއެކު ބާސާއަށް ލަލީގާ ލިބޭނެއެވެ. އެހެންނަމަވެސް ރޭގެ މެޗުގައި ލަނޑުޖަހައިދިން ބާސާގެ މެދުތެރެއަށްކުޅޭ އަލެނާ ބޭނުންވަނީ ލަލީގާ ބާސާގެ އަމިއްލަ ދަނޑުގައި ކޭމްޕްނޯގައި ޔަޤީންކުރާށެވެ.
" ހޮނިހިރު ދުވަހު ކޭމްޕްނޯގައި ކުޅޭ މެޗުން މޮޅުވެ ލީގު ކަށަވަރުކުރަން ބޭނުންވޭ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ އުފާފާޅުކުރުމުގެ ފުރުޞަތު އޭރުން ލިބިގެންދާނެ" އަލެނާ ބުންޏެވެ.
ބާސާ އަމިއްލަ ދަނޑުގައި ލެވެންޓޭއާއި ދެކޮޅަށް ނިކުންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 11:45 ގައެވެ.