2020 އޭޕްރީލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެންނުގެ
ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ފަސްކުރަން ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.
އެކޯލިޝަންއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ، ޤާނޫނު ނަންބަރު 7/2012 (ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ޢާންމު ޞިއްޙަތުގެ ކުއްލި ނުރަކަލުގެ ޙާލަތު މިއަދު ވަނީ ސަރުކާރުގެ ފަރާތުން އިޢުލާނުކޮށްފައިވާކަމަށެވެ.
އަދި ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުގެ ފަރާތުން އިޢުލާނުކޮށްފައި މިވަނީ ކޮވިޑް19 ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ފަސޭހަކަމާއެކު އެޅުއްވުމުގެ މަޤްސަދުގައި އެ ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމަށްކަން ކޯލިޝަނުން ޤަބޫލުކުރާއިރު، މިޙާލަތުގައި، ރާއްޖޭގެ ސިއްޙީ ދާއިރާއަށް އެއްބާރުލުން ދެއްވާ، ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަން ދެއްވާ، 2020 އޭޕްރީލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެންނުގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ފަސްކޮށްދެއްވުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލާކަމަށް އެކޯލިޝަންގެ މިބަޔާނުގައި ވެއެވެ.
"މިވައިރަސް ކޮންޓްރަލް ކުރުމަށްޓަކައި ކުރެވޭ އެންމެހާ މަސައްކަތްތަކުގައި މި ކޯލިޝަންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ސަރުކާރާށާއި ކަމާބެހޭ އެންމެހާ ފަރާތްތަކަށް ލިބިގެންދާނެ ކަމުގެ ޔަޤީންކަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން އަރުވަން." ކޯލިޝަނުން ވިދާޅުވިއެވެ.
 
								
 
											
 
								 
								 
								

 
														 
														 
														 
														 
														 
														
