ސިޔާސީ ހަޔާތް ނިންމަވާލައްވަން ގަސްތުނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ، ސިޔާސީ ބޭފުޅަކު ފެއިލް ވާނީ އިންތިޚާބަކަށް ކުރިމަތިލައި، އެ އިންތިޚާބަކުން ނާކާމިޔާބީއާ ކުރިމަތިވުމުން ކަމަށާއި، އެފަދަ ކަމަކާ ދިމާވެވަޑައި ނުގަންނަވާ ކަމަށެވެ.
"ސިޔާސީ ގޮތުން މީހަކު ފެއިލް ވަނީ އިންތިޚާބަކަށް ކުރިމަތިލާ އިންތިޚާބަކުން ކެޓީމަ. އަޅުގަނޑަށް އަދި އެކަހަލަ ކަމަކާ ދިމާއެއް ނުވޭ." މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ، ޕާޓީ ބަދަލުކުރެއްވީ ޕާޓީގެ ލީޑަރޝިޕާ މައްސަލަ ޖެހިގެން ނޫން ކަމަށާއި، އެމްޑީޕީގެ ޗެއަރޕަރސަން ކަމުން އިސްތިއުފާ ދެއްވީ އައު ލީޑަރޝިޕަކަށް ފުރުޞަތު ދެއްވަން ކަމަށެވެ.
"އަޅުގަނޑަކަށް ހިޔެއް ނުވޭ (ސިޔާސީ ހަޔާތް ނިމޭނެހެނެއް) އަދި، ސިޔާސީ ހަޔާތް ނިމޭނީ އަޅުގަނޑު އޭތި ނިންމާލީމަ ނޫންތޯ! އަޅުގަނޑަކަށް ސިޔާސީ ހަޔާތް އަދި ނިންމާކަށް ގަސްތެއް ނުކުރަން." ރީކޯ މޫސަ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސަ މަނިކު ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާފައި ނުވާއިރު، މަޖިލީހުގެ މިދައުރު ނިމުމާއެކު އެމަނިކުފާނުގެ ސިޔާސީ ހަޔާތް ނިމޭނެކަމަށް ބައެއް ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ.




