ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުވެސް ފަސްކުރަން ތައްޔާރުވަމުން އަންނަކަމަށް ރިޕޯރޓްތައް ބުނެފިއެވެ.
މިކަމާއި ގުޅިގެން ރަސްމީ ބަހެއް އަދި ލިބިފައިނުވިނަމަވެސް ރިޕޯރޓްތައް ބުނާގޮތުން މިދެމުބާރާތް ފަސްކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ރިޕޯރޓްތައް ބުނެއެވެ.
ޔޫރޮޕާ ލީގުގައި ރޭ ކުޅެން ހަމަޖެހިފައިވާ ސެވިއްޔާ-ރޯމާ އަދި އިންޓަރމިލާން-ގެޓާފޭ ބައްދަލުކުރަން ހަމަޖެހިފައިއޮތް މެޗު ފަސްކޮށްފައިވާއިރު، އަންނަ ހަފްތާގައި ޗެމްޕިއަންސް ލީގުގައި ކުޅުމަށް ހަމަޖެހިފައިވާ ވަރުގަދަ ދެމެޗެއްވެސް މިހާރުވަނީ ފަސްކޮށްފައެވެ. އެދެމެޗަކީ މެންޗެސްޓާރ ސިޓީ-ރެއަލްމެޑްރިޑް އަދި ޔުވެންޓަސް-ލިޔޯން ބައްދަލުކުރާ މެޗެވެ. ރެއަލްމެޑްރިޑް އަދި ޔުވެންޓަސްގެ ކުޅުންތެރިންވަނީ ކަރަންޓީން ކުރެވިފައެވެ.
މުބާރާތުގެ ވަކި މެޗުތަކެއް ފަސް ކުރެވެމުންދާއިރު، އެމެޗުތައް އަލުން ކުޅޭވޭނެ ތާރީޚްތަކެއް އަދި ނޭނގެއެވެ. ޤައުމު ތަކުގެ ސަރުކާރުން ސަޕޯޓަރުން ނުވައްދާ މެޗުތައް ކުޅުމަށް ހުއްދަދިންނަމަވެސް، މުބާރާތުގެ ފޯރި ކެނޑިދާނެކަމަށް ބަލައި މިދެމުބާރާތްވެސް ފަސްކުރުން ވަރަށް ގާތެވެ.
ސްޕެނިޝް ލަލީގާގައި ކުރިއަށް އޮތް ދެހަފްތާގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް ފަސްކޮށްފައިވާއިރު، އިޓާލިއަން ސީރީއާ އަންނަ އޭޕްރީލް މަހުގެ 3 އާއި ހަމައަށްވަނީ ފަސްކޮށްފައެވެ.



